ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދު އެ ތަނުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ ޝަމިމް މަރާލީ ބިރިޔާނީއަށް ކޮށި އަލުވި މަދުވެގެން ޖެހުނު މައްސަލައެއްގައި ކަމަށް ހެކިބަސް ދިން ބައެއް މީހުން ބުނެފިއެވެ.
ޝަމިމް މެރި ކަމުގެ ދައުވާ ކޮށްފައިވާ އާބިދުއާ ދެކޮޅަށް ދައުލަތުން ހުށައަޅާ ބައެއް ހެކިވެރިން ރާއްޖެ ދޫކޮށް ވީ އެންމެ އަވަހަކަށް ފުރަން ބޭނުންވާތީ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިއަށް ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ހަ މީހަކު ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވާއިރު އޭގެ ތެރެއިން ބައެއް ހެކިވެރިން ވަނީ ޝަމިމާއި އާބިދުއާ ދެމެދު އެ ދުވަހު ދެބަސްވުންތަކެއް ހިނގައިދިޔައީ އާބިދު ތައްޔާރުކުރަމުން ދިޔަ ބިރިޔާނީއަށް ޝަމިމް ކޮށައިދިން އަލުވި މަދުވެގެން އޭނާ ޝަކުވާ ކުރުމާއެކުގައި ކަމަށާއި މާރާމާރީއާ ހަމައަށް ދެބަސްވުން ދިޔައީ ޝަމިމްއާ ދިމާއަށް އާބިދު ސަމުސަލެއް އެއްލި ފަހުން ކަމަށް ބުނެއެވެ.
އެ 6 ހެކިވެރިންވެސް ވަނީ ޝަމީމްގެ މެޔަށް ލިބުނު ޒަހަމް ފެނިފައިނުވާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ޝަމިމް ގޮވައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައިރު އޭގައި ދަތުރުކުރި އެ ރެސްޓޯރެންޓުގެ މުވައްޒަފު، މުހައްމަދު ޔޫނުސް ބުނީ ޝަމިމްގެ މުޅި ޓީޝާޓް އޮތީ ލެއިން ތަތްތެޅިފަ ކަމަށާއި މޫނުމަތީ ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމްތައް ފެނުނު ނަމަވެސް މޭޔަށް ޒަހަމްވިކަން އެނގުނީ ޑޮކްޓަރު ބުނުމުން ކަމަށެވެ. އަދި މޭމައްޗަށް ވެސް ވަޅި ހަރާފައި އޮތް ކަމަށް ޑޮކްޓަރު ބުނި ކަމަށް އޭނާ ފާހަގަކުރިއެވެ.
ޝަމިމް މަރާލި މަންޒަރު ޔޫނުސަށް ފެނިފައިނުވާކަން އޭނާ ފާހަގަކުރާއިރު އޭނާ ވަނީ އެކަން އެނގުނީ ރެސްޓޯރަންޓު ކައިރިން ދިމާވި އެތަނުގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުން ކަމަށް ބުނެފައެވެ. އަދި ރެސްޓޯރަންޓު ތެރެއަށް ވަން އިރު ހަތަރު މީހަކު ޝަމިމް ގޮވައިގެން އަންނަ ކަމަށާއި ޝަމިމް ގޮވައިގެން ބޭރަށް ނެރެދީ އޭނާއަށް ސީޕީއާރްދޭން މަސައްކަތް ކުރި ކަމަށްވެސް ޔޫނުސް ވަނީ ބުނެފައެވެ.
ހެކިބަސް ދިން ޒައިން ބުނީ ޖޫސް ބޯ ހޮޅިތަކެއް ގުދަނުން ނަގައިގެން ރެސްޓޯރަންޓަށް ދިޔައިރު މާރާމާރީ ހިނގައި ނިމިފައިވާ ކަމަށާއި އޭރު އާބިދު އެ ތަނުގައި ނެތް ކަމަށެވެ. އަދި، ޝަމިމް މޫނުމަތި ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމް ފެނުނު ކަމަށް ވެސް ޒައިން ބުނިއެވެ.
އެ މާރާމާރީގައި މަރުވި ޝަމިމް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝަމިމްގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝަމިމް މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ.
ޝަމިމްގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.
އާއިޝަތު ނުހާ ފޮޓޯ އާއި އާބިދު ގެ ފޮޓޯ ހަމަ ސޭމް ޕޯސް