ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ފަޒްލޫން ބިން މުހައްމަދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ އޭގެ އަނެއް ދުވަހުއެވެ.

ފަޒްލޫނުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއްކޮށް ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫންގެ އިތުރުން ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.