"ދިޔަރެސް"ގެ ޗީފް އެޑިޓަރު އަދި ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހަށް ހާޒިރުކުރަނީ ނޫސްވެރިކަމާ ގުޅުން ހުރި މައްސަލައެއްގައި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ، ހެޕީހާޓް، އަހްމަދު އަޒާން މަރުޒޫގް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށާއި މިކަމަކީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަޒާން ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުން ހުރި ކަމަކާ ގުޅިގެން ނޫން ކަމަށާއި ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ހިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނި ނަމަވެސް އައިޖީއެމްއެޗްގެ ޕޯޓަލް އިން މީހުންގެ ޒާތީ މައުލޫމާތުތަކަށް އެކްސެސް ވެވެން ހުރިކަން ސަމާލުކަމަށް ގެނެސް އަޒާން ވަނީ އައިޖީއެމްއެޗްގެ ކަމާބެހޭ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދީ އަދި އޭގެފަހުން އެމައުލޫމާތު ނޫހުގައި ރިޕޯޓް ކޮށްފައެވެ.

އެ މައްސަލައިގައި އަޒާން ފުލުހަށް ހާޒިރު ވާން އަންގާފައި ވަނީ ބުރާސްފަތި ދުވަހަށެވެ.

އެކަމާ ގުޅިގެން އެމްޖީއޭއިން ވަނީ ހަމައެކަނި ނޫހުގައި ލިޔާ ލިޔުމަކާ ގުޅިގެން ނޫސްވެރިންގެ މައްޗަށް އެފަދަ ގޮތަކަށް ޖިނާއީ ތުހުމަތައް ކުރެވުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށެވެ.

ނޫސްވެރިންނަށް ފަހި މާހައުލެއް ކަށަވަރުކޮށް ދިނުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށާއި ނޫސްވެރިންނަށް ބިރު ދެއްކުމާއި ހުރަސް އެޅުމުގެ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޖޭއޭއިން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން "ދިޔަރެސް" ގެ ނޫސްވެރިޔާ ހާތިމާ ޔޫސުފްއަށް ފުރައްސާރަކޮށް އިންޒާރު ދެމުންދާ މައްސަލައެއް ވެސް އެމްޖޭއޭގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގުކޮށް އޭގައި ހިމެނޭ މީހުނަށް ފިޔަވަޅު އެޅުމަށް އެމްޖޭއޭއިން ގޮވާލާފައި ވެއެވެ.

އެމްޖޭއޭއިން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ވެސް ޒިންމާދާރުވުމަށާއި ނޫސްވެރިން ހިފަހައްޓަން ޖެހޭ ސުލޫކާއި އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ވެސް އެންމެހާ ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.