ޔޯގާގެ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ޝައިޚް އާދަމް ނިޝާންގެ ބަންދު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ޝައިޚް ނިޝާން އިތުރު 16 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ. މިއީ ޝައިޚްގެ ބަންދުގެ މުއްދަތު އިތުރު ކުރި ހަތަރުވަނަ ފަހަރެވެ.

ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެ މައްސަލައިގައި ދެން ހައްޔަރުކުރި ޝައިޚް ފަޒްލޫން ބިން މުހައްމަދަށް އެންމެ ފަހުން ޖަހާފައިވަނީ 16 ދުވަހުގެ ބަންދެކެވެ. އެ ދެ ބޭފުލުންގެ ފަރާތުން ވަނީ ބަންދުގެ މައްސަލަ ހައިކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފައެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެ ދެ ބޭފުޅުން ހިމެނޭގޮތަށް ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު ވަނީ އިއްޔެ ދޫކޮށްލައިފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ

މިދިޔަ މަހުގެ 21 ގައި ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުން ހިންގިތާ އެއް ދުވަސް ފަހުންނެވެ. އެ މައްސަލައާ ގުޅިގެން، އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ ހިފަހައްޓައިފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ހިމެނޭގޮތަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާރު ބަންދުގައި ތިބީ 15 މީހުންނެވެ.