މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އަދި މަޝްވަރާކުރުމެއް ވެސް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގުކޮށްފައި ވާތީއެވެ.

އުޝާމް ވިދާޅުވީ މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި އެހެންކަމުން މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށެވެ. އަދި އެ ގާނޫނު އިސްލާހުކުރުމަށް ނޫސްވެެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ހެއްކާބެހޭ ގާނޫނަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ. އަދި އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.