އެބޯލާއާ ދާދި އެއްގޮތް ކަމެއް ހުންނަ، ނުރައްކާތެރި މާބާގްވައިރަހުގެ 2 ކޭހެއް އެ ގައުމުން ފެނިފައި ވާ ކަމަށް ގާނާގެ ސިއްހަތާ ބެހޭ އިދާރާތަކުން ރަސްމީކޮށް ކަށަވަރު ކޮށްދީފިއެވެ.

މި މަހު ކުރީކޮޅު މާބާގްވައިރަހަށް ޕޮޒިޓިވް ވި 2 މީހުން މިހާރު މަރުވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ، ގާނާގައި ހެދި ޓެސްޓުތަކުގެ ނަތީޖާ، ޖުލައި 10 ވަނަ ދުވަހު ޕޮޒިޓިވްވެފައި ވާ ކަމަށާ، ނަމަވެސް ނަތީޖާ ކަށަވަރު ކުރުމަށްޓަކާ ސެނެގޯލްގެ ލެބެއްގައި އެ ޓެސްޓުތައް އަލުން ކުރިއަށް ގެންގޮސް، ވެރިފައި ކުރުމުގެ މަސައްކަތް ކޮށްފައި ވާ ކަމަށެވެ.

ގާނާގެ ސިއްހީ ހިދުމަތްތަކާ ބެހޭ އިދާރާ (ޖީއެޗްއެސް)އިން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ، މިހާތަނަށް ފާހަގަ ކުރެވުނު ކޮންޓެކްޓުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް އެއްވެސް މީހެއްގެ ހަށިގަނޑުން ބަލީގެ ނިޝާނެއް ފެނިފައި ނުވާ ކަމަށްވެސް ޖީއެޗްއެސްއިން ބުނެއެވެ.

ގާނާއިން ފެނުނު މާބަގްގެ ފުރަތަމަ ކޭހަކީ ޖޫން 26 ވަނަ ދުވަހު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ 26 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ޖޫން 27 ވަނަ ދުވަހުއެވެ. ދެވަނަ ކޭހަކީ 51 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ދިޔައީ ޖޫން 28 ވަނަ ދުވަހު ކަމަށާ، އޭނާ މަރުވީވެސް ހަމަ އެ ދުވަހު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. 2 މީހުންވެސް ފަރުވާ ހޯދާފައި ވަނީ އެއް ހޮސްޕިޓަލުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ހާމަ ކޮށްފައެވެ.

ގާނާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ އަޝާންޓީއަށް ނިސްބަތްވާ 2 މީހުންވެސް ހޮސްޕިޓަލުގައި މަރުވުމުގެ ކުރީ ދުވަހު، އެމީހުންގެ ހަށިގަނޑުން ފެނުނު ބައެއް އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުން، ހުން އައުން އަދި ހޮޑުލުން ހިމެނުނު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ސަރަހައްދީ ޑައިރެކްޓާ މަޓްޝިޑީސޯ މޮއެޓީ ވިދާޅުވީ ގާނާގެ ސިއްހަތާ ބެހޭ އިދާރާތަކުން ހަލުވި ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށެވެ. އެއީ ރަނގަޅު ކަމެއް ކަމަށާ، މާބާގްވައިރަހަކީ ވަރަށް ފަސޭހައިން ކޮންޓްރޯލުން ނެއްޓިގެންދާ ވައިރަހެއް ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

މިއީ ހުޅަނގު އެފްރިކާ ސަރަހައްދުން މާބާގްވައިރަސް ފެތުރިގެން ރިޕޯޓް ކުރި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މާބާގްވައިރަސް ފެނިގެން ރިޕޯޓް ކުރީ ގިނީއިން، 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ބަލީގެ އިތުރު ކޭސްތަކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް 1967 ވަނަ އަހަރު މާބާގްބަލިމަޑުކަން ފެތުރިފައިވެއެވެ.

މާބާގްބައްޔަކީ، ވާލުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްގެ ޒަރިއްޔާއިން އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައި ވާ މީހުންގެ ހަށިގަނޑުން ބޭރުވާ ދިޔައާއި، ވައިރަހުގެ އަސަރު ހުރި އެއްޗެއްސާއި ތަންތަނުގައި އަތްލެވިގެންވެސް ހަށިގަނޑަށް ވައިރަސް ފެތުރޭ ގޮތް ވެއެވެ.

މާބާގްބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ނުހޯދެއެވެ. ނަމަވެސް، ފެން ބުއިމުގެ އިތުރުން، ބަލީގައި ފެންނަ ބައެއް އަލާމާތްތަކަށް ފަރުވާ ކޮށްގެން، ބަލި ޖެހޭ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.