މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސައުދީ އަރަބިއްޔާއަށް ރަޝިއާއިން ތެޔޮ އިމްޕޯޓް ކުރި މިންވަރު 2 ގުނަ އިތުރުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ އެއް ގައުމު ކަމުގައި ވީ ނަމަވެސް، ސައުދީ އަރަބިއްޔާއަކީ މި ފަހަކަށް އައިސް ރަޝިއާ އަތުން އެންމެ ގިނަ އަދަދަކަށް ތެޔޮ ގަންނަ ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ގައުމު ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާއިން ދަނީ ޑިސްކައުންޓް އަގުގައި ތެޔޮ ވިއްކަމުންނެވެ. އެ ފުރުސަތުގެ ބޭނުން، ބައެއް ގައުމުތަކުން ދަނީ ހިފަމުންނެވެ. އޭގެ ތެރޭގައި އިންޑިއާއާއި ޗައިނާވެސް ހިމެނެއެވެ. އެ ގައުމުތަކަކީ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އުފުލި، ދާހިލީ ބާޒާރުތަކުގައި އިންފްލޭޝާން ރޭޓް ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ގައުމުތަކެކެވެ.

ރޮއިޓާޒްއިން މުރާޖާ ކުރި ތަފާސް ހިސާބުތަކާ ހަވާލަދީ، އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އޭޕްރިލް 2022 އާއި ޖޫން 2022 އާ ދެމެދު ނުވަތަ މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސައުދީ އަރަބިއްޔާއިން ވަނީ، 647000 ޓަނުގެ ތެޔޮ، ރަޝިއާ އަތުން ގަނެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސައުދީއިން އިމްޕޯޓް ކުރީ 320000 ޓަނުގެ ތެލެވެ.

ރެފިނިޓިވް އެއިކޯން ޝިކް ޓްރެކިންގްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މުޅި 2021 ވަނަ އަހަރު ތެރޭގައި ރަޝިއާ އަތުން ގަނެ، ސައުދީ އަރަބިއްޔާއަށް އިމްޕޯޓް ކޮށްފައި ވަނީ 1.05 މިލިއަން ޓަނުގެ ތެލެވެ.

އެނާޖީ އެސްޕެކްސްޓްގެ އޮއިލް އެނަލިސްޓް ޕީޓާ ލަކޫ ބްލީމްބާގަށް ވިދާޅުވީ، ރަޝިއާ އަތުން ސައުދީ އަރަބިއްޔާއިން ތެޔޮ ގަންނަ މިންވަރު އިތުރު ކުރަމުން ދަނީ، އެކަން ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ނުވާ ފަދަ މޭރުމަކުން ކަމަށެވެ.

ރަޝިއާ އަތުން ސައުދީ އަރަބިއްޔާއަށް ތެޔޮ އިމްޕޯޓް ކުރަނީ މިސްރު މަގުންނެވެ. ޖޫން މަހަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 110000 ފީފާގެ ތެޔޮ އިމްޕޯޓް ކޮށްފައިވެއެވެ. ޖޫން މަހުގެ ތެރޭގައި ހުދު މިސްރުންވެސް ވަނީ ރަޝިއާ ތެލުގެ 70000 ފީފާ، ދުވާލެއްގެ މައްޗަށް އިމްޕޯޓް ކޮށްފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ހަބަރު ދެއެވެ.

މި ދަނޑިވަޅަކީ އެމެރިކާއާއި މެދުއިރުމަތީގެ ގުޅުންތައް އަލުން އިޔާދަ ކުރައްވާ، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރެއްވުމުގެ ނަމުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، މެދުއިރުމަތީގެ ބައެއް މަންޒިލްތަކަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ.