ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމުން ޗައިނާ ވައްޓާލުމަށް ފަހު، އަންނަ އަހަރު، އެ މަގާމަށް އިންޑިއާ އަރާނެ ކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޮވެމްބަރު 2022 އަންނަ އިރު، ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެ ކަމަށް ވަނީ އަންޒާދާ ކޮށްފައެވެ. ނަމަވެސް ދުނިޔޭގެ އާބާދީ އިތުރު ވަމުން ދަނީ، މީގެ ކުރިން އާބާދީ އިތުރު ވަމުން ދިޔަ ރޭޓްގައި ނޫން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ އާބާދީ އިތުރު ވާ ރޭޓް މިހާރު ހުރީ 1950 ވަނަ އަހަރަށް ފަހު އެ ރޭޓް ހުރި އެންމެ ލަސް ދުވެލީގައި ކަމަށް އދއިން ބުނެއެވެ. ނަމަވެސް ދުނިޔޭގެ އާބާދީ އިތުރު ވަމުން ދަނީ އެ ކި ސަރަހައްދުތައް އެކި މިންވަރަށް ކަން ފާހަގަ ކުރަން ޖެހެއެވެ.

ކުރިއަށް އޮތް 30 އަހަރު ދުވަހުގެ މުއްދަތުގައި އާބާދީ އިތުރު ވާ ގޮތަށް ބަލާއިރު 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާނީ އެންމެ 8 ގައުމުންނެވެ. އޭގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާންވެސް ހިމެނެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ދަރިމައިވާ ރޭޓް އެންމެ ދަށުގައި އޮތީ ޗައިނާގައެވެ. ޗައިނާގައި ދަރިމައިވާ ރޭޓް އުޅެނީ ކޮންމެ 1 އަންހެނަކަށް 1.5 ކުދިންގެ ރޭޓްގައެވެ. ނަމަވެސް އިންޑިއާ އާބާދީ އަދިވެސް ދަނީ އިތުރު ވަމުންނެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 09:45ގެ ނިޔަލަށް ޗައިނާގެ ޖުމުލަ އާބާދީއަކީ 1,448,602,419 އެވެ. އެއީ ދުނިޔޭގެ ޖުމުލަ އާބާދީގެ 18.21 ޕަސެންޓެވެ. އިންޑިއާގެ ޖުމުލަ އާބަދީއަކީ 1,407,036,407 އެވެ. އެއީ ދުނިޔޭގެ އާބާދީގެ 17.68 ޕަސެންޓްއެވެ. ޗައިނާގެ އާބާދީ އިތުރުވާ ރޭޓް އުޅެނީ 0.29 ޕަސެންޓްގައި ކަމަށް ވާ އިރު، އިންޑިއާގެ އާބާދީ އިތުރު ވާ ރޭޓް އުޅެނީ 0.95 ޕަސެންޓްގައެވެ.

ދުނިޔޭގެ އާބާދީ 1 ބިލިއަނަށް އެރުމަށް އެތައް ސަތޭކަ ހާސް އަހަރެއް ނެގިއިރު، ދެން ޖެހިގެން އައި 200 އެއްހާ އަހަރު ދުވަހުގެ ތެރޭގައި އެ އާބާދީ 7 ގުނަ އިތުރުވިއެވެ. ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އެރީ 2011 ވަނަ އަހަރުއެވެ. މި އަހަރު ތެރޭގައި ދުނިޔޭގެ އަބާދީ 8 ބިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު، 2030 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީ، 8.5 ބިލިއަނަށް އަދި 2050 ވަނަ އަހަރު އަންނަ އިރު 9.7 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. 2100 ވަނަ އަހަރު ދުނިޔޭގެ އާބާދީ އުޅޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 10.9 ބިލިއަނުގައެވެ.