އިއްޔެ އެކަނި 500 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެގެ ނިޔަލަށް ޖުމްލަ 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ.

ޕާސްޕޯޓް ދޫކުރުމުގެ ކަންކަން ރޭ 12 ޖެހުމާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ޕާސްޕޯޓު ދޫކޮށްފައިމިވަނީ ސްކޫލް ޗުއްޓީ އާއި އީދު ބަންދާ ދިމާކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހެއްދުމަށް ކިޔޫގައި ޖެހި، އިމިގްރޭޝަނަށް ބާރު ބޮޑުވެގެން ދިޔައެވެ.

ވުމާއެކު، މި ދުވަސްވަރު އެއާޕޯޓަށް ގިނަ ފަސިންޖަރުން ދާނެތީ، އިންޓަނޭޝަނަލް ޓާމިނަލަށް ދާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން، އަދި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރުގެ ކުރިން ޗެކިންވާން ވަނީ އަންގައިފައެވެ.

އިއްޔެ ގިނަ އަދަދެއްގެ ޕާސްޕޯޓު ދޫކޮށްފައިވާއިރު އެތެރޭގެ އުދުހުންތަކުގައި ރެކޯޑު އަދަދަކަށް އިއްޔެ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިގޮތުން 3،300 އަށް ވުރެ ގިނަ ފަސިންޖަރުން އެތެރޭގެ މަންޒިލްތަކަށް ވަނީ ދަތުރުކޮށްފައެވެ. އަދި ޑޮމެސްޓިކް އެއާ ޓްރެފިކް ވަނީ 125 އަށް އަރައިފައެވެ.

ރެކޯޑު އަދަދަކަށް މީހުން ދަތުރުކޮށްފައިވާއިރު، އެތެރޭގެ އުދުހުންތައް ކަމަށްވާ މަންތާ އެއާ އާއި ފްލައިމީގެ އިތުރުން، މޯލްޑިވިއަނުން ވަނީ ފްލައިޓްތައް އިތުރުކޮށްފައެވެ.