ފެންނަ ފެނުމަށް ކިތަންމެ ފުރިހަމަވި ކަމުގައި ހީވި ނަމަވެސް މަޝްހޫރު ސެލެބްރިޓީންގެ ދިރިއުޅުމުގައިވެސް ގަދަ އޮއެވަރުތައް ހިނގައިގަނެ، ދިރިއުޅުން އެފުށް މިފުށަށް ޖެހޭ ފަހަރު އާދެއެވެ. ބައެއް ތަރިންނަކީ ސްކްރީން ކުރިމަތީގައި ކިތަންމެ ކާމިޔާބު ތަރިން ކަމުގައި ވީ ނަމަވެސް، އާންމު ދިރިއުޅުމުގައި އެ ތަރިންނަކީ، އާންމުންނެކޭ އެއްފަދައިން އެތައް ތަކުލީފެއް އުފުލާ ބަޔަކަށް އޮންނަނީ ވެފައެވެ. އެފަދަ އެކަކީ މަޝްހޫރު ބަތޮލް ބްރެޑް ޕިޓްއެވެ.

އޭނާއަކީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލީގެ އުނދަގޫތަކުގެ އިތުރުން ސިނގިރޭޓް ބުއިން ހުއްޓާލުމުން ދެން ކުރިމަތިލާން ޖެހުނު އެތައް ތަކުލީފެއް ކަޑަތު ކުރި މީހެއްކަން ދާދި ފަހުން ބްރެޑް ޕިޓް ވަނީ ހާމަ ކޮށްފައެވެ. މިއަދު އޭނާ މި ވަނީ، އެ ލިސްޓުގައި އިތުރު ބައްޔެއްގެ ނަން ހިމަނާފައެވެ. އެއީ ޕްރޯސޯޕެގްނޯޒިއާ، ނުވަތަ މީހުން ވަކި ކުރަން ނޭނގޭ ބައްޔެވެ.

ދާދި ފަހުން ދިން ދިން އިންޓަވިއުއެއްގައި ބްރެޑް ޕިޓް ވަނީ އޭނާއާ ބައްދަލުވާ މީހުންގެ މޫނު ވަކިކޮށް، ދެނެގަތުމުގެ ގާބިލުކަން އެނާގެ ކިބާގައި ނެތް ކަމަށް ބުނެފައެވެ.

އެންމެ ދެރަވަނީ، އޭނާ އެ ތަހައްމަލު ކުރާ ކަންތައް، އިތުރު މީހަކަށް ނުވިސްނޭތީ ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާއާ ބައްދަލުވާ މީހުންގެ ސޫރަ ހަނދާނުގައި ބަހައްޓަން ބޭނުން ވާ ކަމަށާ، ނަމަވެސް އެކަން ނުވާ ކަމަށް ބްރެޑް ޕިޓް ބުނެއެވެ. އަދި އޭނާ ދައްކާ ވާހަކަ، މީހުން ގަބޫލު ނުކުރާ ކަމަށާ، އެ ބަލި ތަހައްމަލު ކުރާ އިތުރު މީހަކާ ބައްދަލުވުމަށް އެދޭ ކަމަށްވެސް ބްރެޓް ޕިޓް ވަނީ ބުނެފައެވެ.

ބްރެޑް ޕޮޓްއަކީ ޕްރޯސޯޕެގްނޯޒިއާ ޕޭޝަންޓެއް ކަމަށް އަދި ކަނޑަ ނާޅާ އިރު ޕްރޯސޯޕެގްނޯޒިއާ ޕޭޝަންޓެއްތޯ ބަލަން ޑައެގްނޯޒް ކޮށްފައެއް ވެސް ނުވެއެވެ.

ޕްރޯސޯޕެގްނޯޒިއާ ނުވަތަ ފޭސް ބްލައިންޑްނަސް އަކީ ނާރުތަކުގެ ނިޒާމުގައިވާ ނުކުޅެދުންތެރިކަމެކެވެ. އެކަމުގެ ސަބަބުން، މޫނު ދެނެގަތުމުގައި ތަކުލީފުތަކެއް ކުރިމަތިވެއެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ޕްރޯސޯޕެގްނޯޒިއާ ތަހައްމަލު ކުރާ މީހުންނަށް، އެމީހުންގެ އާއިލާ މީހުންނާއި ހަޔާތުގެ ބައިވެރިން ނުވަތަ އެކުވެރިންގެ ސޫރަ ވަކި ކުރަންވެސް ނޭނގޭ ކަމަށް ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނެއެވެ.

ޕްރޯސޯޕެގްނޯޒިއާ ތަހައްމަލު ކުރާ މީހުން، އިތުރު ބަޔަކާ ބައްދަލު ނުކޮށް ވޭތޯ ބަލައެވެ. އިޖުތިމާއީ ބަދަހި ކަން ކުޑަވެއެވެ. އަދި މީހުންނާ ބައްދަލުވާން ޖެހުމުން ހާސްވެ، ނުތަނަވަސްވާ ގޮތް ވުމާއި، މާޔޫސް ނުވަތަ ޑިޕްރެސް ވާ ގޮތްވެސްވެއެވެ. ޕްރޯސޯޕެގްނޯޒިއާގެ އެންމެ ހައްސާސީ ކޭސްތަކުގައި އަމިއްލަ ސޫރަވެސް ވަކިނުވެދާނެ ކަމަށް އެންއެޗްއެސްއިން ބުނެފައިވެއެވެ.

2 ވައްތަރެއްގެ ޕްރޯސޯޕެގްނޯޒިއާ ބަލި ހިމެނެއެވެ. އެއީ ޑިވަލޮޕްމަންޓް ޕްރޯސޯޕެގްނޯޒިއާ ނުވަތަ ސިކުނޑިއަށް ގެއްލުމެއް ނުލިބި މި ބަލި ހުންނަ ބާވަތަކާއި އެކުއާޑް ޕްރޯސޯޕެގްނޯޒިއާ ނުވަތަ، ސްކްޓްރޯކް ނުތަވަ ބޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން މި ހާލަތު ތަހައްމަލު ކުރަން ޖެހޭ ވައްތަރެވެ.

ޕްރޯސޯޕެގްނޯޒިއާއަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނޯވެއެވެ. ނަމަވެސް އެކުއާޑް ޕްރޯސޯޕެގްނޯޒިއާ ޖެހޭ މީހުންނަށް، އަޑު ނުވަތަ އިސްތަށިގަނޑުގެ އެހީގައި މީހުން ވަކިކުރަން ފުރުސަތު އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ.