ހޮޓާތަކާއި ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ދޭ ބިލުގައި، ސާވިސް ޗާޖު ހިމެނުން، އިންޑިއާ ކޮންޒިއުމާ ޕްރޮޓެކްޝަން އޮތޯރިޓީއިން މަނާ ކޮށްފިއެވެ.

މިފަދަ އަމުރެއް ނެރެފައި ވަނީ، ސާވިސް ޗާޖު ދެއްކުމަށް ބައެއް ފަރާތްތަކުން މަޖުބޫރު ކުރާ ކަމުގެ ޝަކުވާތައް ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މުދަލާއި ހިދުމަތް ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ އިދާރާއިން ބުނެއެވެ.

އިންޑިއާގެ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ބިލުގައި، 5 ޕަސެންޓާއި 15 ޕަސެންޓާ ދެމެދު މިންވަރެއް، ސާވިސް ޗާޖުގެ ގޮތުގައި ދެއްކުމަށް އާންމުކޮށް ހިމަނައެވެ.

ނަމަވެސް އަލަށް ތައާރަފު ކުރި ގަވައިދު ބުނާ ގޮތުން، ބިލުގައި "އޮޓަމެޓިކުން" ސާވިސް ޗާޖު ހިމަނައިގެން ނުވާނެއެވެ. އަދި އެހެން ނަމެއްގައިވެސް ކަސްޓަމަރުންގެ އަތުން ސާވިސް ޗާޖު ނަގައިގެން ނުވާނެ ކަމަށާ، ޓިޕް ދިނުމަށް އިންކާރު ކުރާ ކަސްޓަމަރުންނަށް ހިދުމަތް ނުދިނުމަށާއި ހިދުމަތް ދޭ ތަނަށް ނުވެއްދުމުގެ އިހުތިޔާރުވެސް ރެސްޓޯރަންޓްތަކަށް ލިބިގެން ނުވާ ކަމަށް އާ ގަވައިދު ބުނެއެވެ.

ނަމަވެސް ކަސްޓަމަރު އެދޭނަމަ، އޭނާގެ އަމިއްލަ އިހުތިޔާރުން ޓިޕް ދިނުމާ މެދު ގޮތް ނިންމި ދާނެ ކަމަށްވެސް އިންޑިއާ ކޮންޒިއުމާ ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނެއެވެ.

އިންޑިއާގެ ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދުމަށްފަހު، ބޮޑު އަގެއް، ޓިޕްގެ ގޮތުގައި ދައްކަން ޖެހޭ މައްސަލަ ބޮޑުވަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.

2017 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ، ހިދުމަތެއް ހޯދުމަށް ފަހު ކަސްޓަމަރު ދައްކަން ޖެހޭނެ އަގަކީ، މެނޫތަކުގައި ޖަހާފައި ވާ އަގާއި، ސަރުކާރުން މަތިކޮށްފައިވާ ޓެކުހަށް ވާ ފައިސާ އެކަނި ކަމުގައި އިއުލާންވެސް ކޮށްފައެވެ. މުވައްޒަފުން ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރަ ދިނުމަށާ، ތަން ހިންގުމަށް ހަރަދު ފޫ ބެދޭ މިންވަރު ބަލައިގެން މުދަލާ ހިދުމަތުގެ އަގު ކަނޑައެޅުމަށްވެސް އިންޑިއާގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

އިންޑިއާގެ ހޮޓާތަކާއި ރެސްޓޯރަންޓުތަކުން ސާވިސް ޗާޖު ނެގުން މަނާކޮށް އާ ގަވައިދު އާންމު ކޮށްފައި ވާ އިރު، ނޭޝަނަލް ކޮންޒިއުމާ ހެލްޕުލައިން މެދުވެރިކޮށް، އެފަދަ މައްސަލަތައް އޮންލައިންކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމުވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަމަޖައްސާފައެވެ.