މަސްދަރު ހާމަކުރެވޭނެ ހާލަތްތައް ހަރުކަށި ކުރުމަށްފަހު ނޫނީ ހެއްކާ ބެހޭ ބިލު ތަސްދީގު ނުކުރުމަށް، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ގޮވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރު ޖެނެރަލް، ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.

ނޫސްވެރިންގެ ޖަމިއްޔާ އާއި އެޑިޓާސް ގިލްޑުން ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނީ، ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތާ މެދު ދެ ޖަމިއްޔާއިން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެ މާއްދާ އިސްލާހުކޮށް، މަސްދަރު ހާމަކުރެވޭނެ ހާލަތްތައް ހަރުކަށިކޮށްފަ ނޫނީ އެ ބިލް ތަސްދީގު ނުކުރުމަށް ވެސް ރައީސަށް ގޮވާލާ ކަމަށެވެ.

އެ ދެ ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި، 136 ވަނަ މާއްދާ މިހާރު އޮތީ އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށެވެ. ވުމާއެކު، އެ ދެ ޖަމިއްޔާއިން ބުނި ގޮތުގައި:

  • އެ މާއްދާގެ ސަބަބުން ނުފޫޒު ގަދަ ފަރާތްތަކަށް ނޫސްވެރިންގެ ހައްގުތަކަށް ހުރަސް އެޅުމުގެ ފުރުސަތު ލިބޭ
  • ނޫސްވެރިޔާ އާއި މަސްދަރު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު
  • ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް ބޮޑު

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނީ، ތަހުޒީބުވެފައިވާ ގައުމުތަކެކޭ އެއްގޮތަށް މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްނުކުރެވި، ހެއްކާ ބެހޭ ބިލް ގާނޫނަކަށް ވެއްޖެނަމަ:

  • އެއީ ރާއްޖޭން ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށް
  • ވިސްލްބްލޯވަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަސްޖެހޭނެ ކަމަށް
  • ނަތީޖާގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ތިލަކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް

އެހެންކަމުން، އެމްޖޭއޭގެ ފަރާތުން މަޖިލިހަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތަށް، 136 ވަނަ މާއްދާގެ ދަށުން ހުރި ބައެއް ނުކުތާތައް އުވާލުމަށް، ދެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ. އެގޮތުން މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" އުނިކުރުމަށާއި، ކުއްލި ބޮޑު ނުރައްކަލެއް އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ބިލު އިސްލާހުކުރުމަށް ވަނީ ގޮވާލައިފައެވެ.

ދެ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި، ހެއްކާ ބެހޭ ބިލް ފާސްކުރީ މީޑިއާތަކާ ބެހޭ ޖަމިއްޔާތަކުން ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތިއެވެ. ޖުޑީޝަރީ ކޮމިޓީގައި ހަ މަސް ވަންދެން އެ ބިލު އޮތް އިރު، މި އަހަރުގެ ފުރަތަމަ ދައުރު ނިމެން ކައިރިވެފައި އޮއްވާ އަވަސް އަރުވާލައިގެން ބިލު ފާސްކުރިއިރު، އެ ބިލަށް ކޮމިޓީން ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތެއް ނުދޭ ކަމަށް ވެސް އެ ދެ ޖަމިއްޔާއިން ބުންޏެވެ.

"މި ޖަމިއްޔާތަކުން ގޮވާލަނީ، ނޫސްވެރިކަމަށް ގެއްލުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ އެ ބިލަށް ބަދަލުތައް ގެނައުމަށް އެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ނުކުރައްވައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް" ބަޔާނުގައި ވެއެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުގެ އިތުރުން، އެމްއެމްސީން ހެއްކާ ބެހޭ ބިލް ތަސްދީގުނުކުރުމަށް ރައީސް އަރިހު އެދިފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ބިލް އުވާލުމަން ސަރުކާރަށް ގޮވާލައިފައެވެ. އިދިކޮޅުން ބުނީ، ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ގޮތަށް ހެއްކާ ބެހޭ ބިލު ފާސް ކުރުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެ ބިލު ފާސްކުރުމުގެ ސަބަބުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ ބާރު ހަނިވެގެން ދާނެ ކަމަށެވެ.