މަޝްހޫރު ގޭމް "މައިންކްރާފްޓް" ކުޅޭ މަންޒަރުތައް ޔޫޓިއުބްގައި ޕޯސްޓްކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ޔޫޓިއުބާ "ޓެކްނޯބްލޭޑް" މަރުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ޔޫޓިއުބާގެ މަރުގެ ހަބަރު އިއުލާން ކޮށްފައި ވަނީ، އޭނާގެ އާއިލާއިން އެކަމަށް ހާއްސަކޮށްގެން ޔޫޓިއުބަށް ދޫކޮށްލި ވަދާއީ ވީޑިއޯއެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރަމުންދާ "ޓެކްނޯބްލޭޑް" މަރުވީ ކެންސަރު ބަލީގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް ކެންސަރު ޖެހިފައި ވާ ވާހަކަ، ފޭނުން ގާތު ބުނީ މިދިޔަ އަހަރުއެވެ.

"ޓެކްނޯބްލޭޑް"ގެ ބައްޕަ ވަނީ، އޭނާ މަރުވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ދީފައި ވާ މެސެޖެއްވެސް ފޭނުންނާ ހިއްސާކޮށްފައެވެ. އެ މެސެޖުގައި "ޓެކްނޯބްލޭޑް" ވަނީ އޭނާގެ އަސްލު ނަމަކީ، އެލެކްސް ކަންވެސް ހާމަ ކޮށްފައެވެ. ޔޫޓިއުބްގެ ބައެއް ވީޑިއޯތަކުގައި، އޭނާއަކީ ޑޭވް ކިއާ މީހެއް ކަމަށް ބުނެ، "ޓެކްނޯބްލޭޑް" ސަމާސާ ކޮށްފައިވެއެވެ.

މައިންކްރާފްޓް ޔޫޓިއުބާ ޓެކްނޯބްލޭޑްގެ އަސްލު ނަމަކީ އެލެކްސް ކަން ވަނީ ހާމަ ކޮށްފައި / ފައިލް ފޮޓޯ: ޔޫޓިއުބް | ބީބީސީ

މައިންކްރާފްޓް ގޭމް ކުޅެމުންދާ މަންޒަރުތައް ހިއްސާ ކުރަމުން "ޓެކްނޯބްލޭޑް" ވަނީ އޭނާގެ ހަޔާތުގެ ވާހަކަތައްވެސް ފޭނުންނާ ހިއްސާކޮށްފައެވެ. އެގޮތުން ފެބުރުއަރީ މަހު ޕޯސްޓް ކުރި ފަންޑް ރެއިޒިންގް ވީޑިއޯއެއްގައި "ޓެކްނޯބްލޭޑް" ވަނީ ކެންސަރު ބަލީގެ ތަފާތު ފަރުވާތައް ހޯދާ ކަމަށާ، އެގޮތުން އޭނާގެ ކަނާތުގައި އުފެދުނު ވޭން ހުރި ޓިއުމަރަކުން އަތް ސަލާމަތް ކުރުމަށްޓަކާ ހާއްސަ ސާޖަރީއެއް ހެދިކަންވެސް އިއުލާން ކޮށްފައެވެ.

ކެންސަރު ޖެހިފައި ވާ ކަން އިއުލާން ކުރަމުން އޯގަސްޓް 2021 ގައި "ޓެކްނޯބްލޭޑް" ބުނެފައި ވަނީ، އޭނާގެ އަތުގެ ރިހުމަކީ މާ ގަދައަށް ގޭމް ކުޅުމުގެ ސަބަބުން ހުރި ރިހުމެއް ކަމަށް އެންމެ ފުރަތަމަ ހީކުރެވުނު ކަމަށެވެ. ނަމަވެސް އަތް ދުޅަވި ހިސާބުން ހޮސްޕިޓަލަށް ގޮސް، ހެދި ޓެސްޓުތަކުން ކެންސަރު ޖެހިފައި ވާ ކަން އެނގުނު ކަމަށެވެ.

މައިންކްރާފްޓްއަކީ ގޭމް ކުޅޭ މީހާގެ އަމިއްލަ ހިޔާލަށް، ވާޗުއަލް ލޭންޑްސްކޭޕް ބިނާކޮށްގެން ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ގޭމެކެވެ. ގޭމްގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ކުދިން ކުރިއަރާ ދާން ބޭނުންވާ ދާއިރާތައްވެސް ގޭމްގެ ޒަރިއްޔާއިން ތަޖުރިބާ ކުރެވޭ ގޮތް ވަނީ ހާދާފައެވެ.