އިންޑިއާގެ ވެރިކަން ކުރާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނުގެ މަގާމުގައި ހުރެ، ޓީވީ ބަހުސެއްގައި ވާހަކަ ދައްކަމުން، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ވާހަކަ ދެއްކި، ނުޕޫރު ޝަރުމާ އެ ހިންގި އަމަލަކީ އޭނާގެ އަމިއްލަ ނަފުސަށް ހިންގި އަމަލެއް ކަމަށް ކަނޑައަޅާ، މުޅި ގައުމުގެ ކިބައިން މައާފަށް އެދުމަށް، ނުޕޫރު ޝަރުމާގެ މައްޗަށް، އިންޑިއާގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ނުޕޫރު ޝަރުމާގެ މައްޗަށް މިފަދަ އަމުރެއް، އިންޑިއާގެ ސުޕްރީމް ކޯޓުން ނެރެފައި ވަނީ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް، އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މަސްލަތަކަށް ރިއާޔަތް ކޮށް، ނުޕޫރު ޝަރުމާ ކޯޓަށް ވެއްދި އިސްތިއުނާފީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ބެންޗުންނެވެ.

ނުޕޫރު ޝަރުމާގެ ފުރާނައަށް ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށް، ސީނިއާ އެޑްވޮކޭޓް މަހިންދާރު ސިންހް ފާހަގަ ކުރުމާއެކު، މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް ހުންނެވި ސޫރްޔާ ކާންތު ވިދާޅުވީ، އެ ކަމަކީ އޭނާ އަމިއްލަ ކުރި ކަމެއް ކަމަށާ، އިންޑިއާގައި މިއަދު ހިނގަމުންދާ ކަންކަމުގެ ފުރިހަމަ އުފުލަން ޖެހޭ ހަމަ އެކަނި ފަރާތަކީވެސް އެއީ ކަމަށެވެ.

ނުޕޫރު ޝަރުމާ ލިޔުމަކުން މައާފަށް އެދިފައި ވާ ކަމަށް ސިންހް ފާހަގަ ކުރުމުން ފަނޑިޔާރު ވަނީ، ގާނޫނީ ވަކީލަކަށް ވެ ހުރެ އޭނާ އެފަދަ ގޮތަކަށް ވާހަކަދެއްކި ކަމާ މެދު ލަދުގަންނަން ޖެހޭ ކަމަށާ، އޭނާ ޓީވީއަށް އަރާ، ގައުމުގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށެވެ.

މައްސަލަ ހިފައިގެން ސީދާ ސުޕްރީމް ކޯޓަށް ދިޔަ ދިއުމަކީ މެޖިސްޓްރޭޓުންނަކީ އޭނާގެ ކުރިމަތީގައި މާ ދަށް ބައެއް ކަން އަންގައިދޭ ކަމެއް ކަމަށްވެސް ފަނޑިޔާތު ކާންތު ވަނީ ފާހަގަ ކުރައްވާފައެވެ. އޭނައަކީ ވަކި ޕާޓީއެއްގެ ތަރުޖަމާނަކަށް ވުމުން، އޭނާއަށް ލިބިދޭނެ ބާރުތަކެއް އޮންނަނީ ކަމަށް ނުޕޫރު ޝަރުމާ ހީކުރަނީތޯވެސް ފަނޑިޔާރު ކާންތު ވަނީ ސުވާލު ކުރައްވާފައެވެ.

ފަނޑިޔާރު ކާންތު ވަނީ ޓީވީ ބަހުސަށްވެސް ފާޑުވިދާޅުވެފައެވެ. އެފަދަ މައުލޫއެއް ހިޔާރު ކުރީ ކީއްވެތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. އަދި އެއީ އެންކަރު އަމާޒު ކުރި ސުވާލެއްގެ ޖަވާބުކަން ފާހަގަ ކުރުމާއެކު، ފަނޑިޔާރު ވަނީ ކަން އޮތީ އެހެން ކަމުގައި ވަނީ ނަމަ، އެ ސުވާލު ކުރި ހޮސްޓާ ދެކޮޅަށްވެސް މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ދިއްލީގެ ފުލުހުންގެ އަމަލުތައް ހުރި ގޮތާ މެދުވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވަނީ ސުވާލު އުފައްދަވާފައެވެ.

ޓީވީ ބަހުސްގައި، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ނުޕޫރު ޝަރުމާ ދެއްކި ވާހަކަތަކާ ގުޅިގެން އިންޑިއާގައި ބޮޑު ހަމަނުޖެހުމެއް އުފެދިފައި ވާ އިރު، އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއާ ދެކޮޅަށް ޑިޕްލޮމެޓިކް ފެންވަރުގައިވެސް އިހުތިޖާޖު ކޮށްފައެވެ.