މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިިފިއެވެ.

އީސީން ބުނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ 3000 މެންބަރުން ހަމަކުރުމަށް ލޭބާކް ޕާޓީއަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް މެންބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ޕާޓީ އުވާލުމުގެ އިޖުރާއަތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައިވާ ކަަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާ 4 ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު، އުވާލަން ނޯޓިސް ދީފައެވެ. އެއީ އެމްޓީޑީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އާއި ޑީއާރުޕީއެވެ.

އީސީން ޕަޓީތަކަށް މެންބަރުން ހަމަކުރަން ދީފައިވަނީ ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.