ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އިންޑިއާގެ ފައިސާ (އިންޑިއަން ރުޕީޒް)ގެ އަގު، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށް ހިނގައްޖެއެވެ.

މާލީ ބާޒާރުގެ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު އެމެރިކާ ޑޮލަރަކަށް 79 އިންޑިއަން ރުޕީޒް މިހާރު ޖެހެއެވެ. އަންގާރަ ދުވަހު އެ އަދަދު އުޅުނީ 78.77 ރުޕީޒްގައެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިންޑިއާ ފައިސާގެ އަގު ވެއްޓެމުން ދާ މި ދުވަސްވަރަކީ، އެ ގައުމުން ރައުސުލްމާލު ބޭރުވާ މިންވަރު އިތުރުވެ، ތެލުގެ އަގުތައްވެސް އުފުލެމުންދާ ދުވަސްވަރެކެވެ.

އެމެރިކާ ޑޮލަރަކަށް 79 ރުޕީޒްގެ ރޭޓަށް އިންޑިއާ ފައިސާގެ އަގު ވެއްޓިފައި ވާ އިރު، މިއީ އިންޑިއާ ފައިސާގެ ތާރީހުގައިވެސް މިހާ ބޮޑަށް އަގު ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާ ބޮޑުތަނުން ފައިސާގެ އަގު ވެއްޓިފައި ވަނީ ހީކުރި ވަރަށް ވުރެ ހަލުވި ދުވެއްޔެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ އިގުތިސޯދަށް ހީނަރުކަމުގެ ހިޔަނި އެޅެމުންދާ ދަނޑިވަޅަކަށް ވާ އިރު، އިންޑިއާގެ އެކްސްޕޯޓަރުންގެ އުއްމީދުތައްވެސް ބަނަވާން ފަށާފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން އިންޑިއާއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް އޯޑަރު ލިބޭ މިންވަރު ދަށް ވަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިވަގުތަކީ އިންޑިއާގެ އިމްޕޯޓް ސިނާއަތަށް އެ ގައުމުން ބޮޑު ހޭދައެއް ކުރަމުން ދާ ވަގުތަކަށް ވާ އިރު، އެކްސްޕޯޓް ސިނާއަތުގެ މުހިންމު ކަން ވަނީ ވަކިން ބޮޑުވެފައެވެ.