އޮސްޓްރޭލިއާގައި ދިރިއުޅޭ މާމުއި ކުޅަނދުރު އާބަދީ "ލޮކްޑައުންކޮށް"، އެތައް ހާސް ކުޅަނދުރެއް މަރާލަން ނިންމައިފިއެވެ.

އޮސްޓްރޭލިއާއިން މިފަދަ ނިންމުމެއް ނިންމާފައި ވަނީ އޮސްޓްރޭލިއާއިން ނުރައްކާތެރި ޕެރަސައިޓެއް ފެނިގެންނެވެ. ވެރޯއާ ޑިސްޓްރަކްޓާގެ ނަން ދީފައިވާ މި ޕެރަސައިޓް އެންމެ ފުރަތަމަ ފެނިފައި ވަނީ ސިޑްނީ ކައިރި ބަނދަރަކުން، ހުސްވި ހަފުތާގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން، އެ ސަރަހައްދާ 100 ކިލޯމީޓަރު ދުރުންވެސް އެ ޕެރަސައިޓް ފެނިފައި ވެއެވެ.

ވެރޯއާ ޑިސްޓްރަކްޓާ ފެތުރިގެން ދިއުމަކީ މާމުއިއާއި ކާބޯތަކެތި އުފައްދާ ސިނާއަތްތަކަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތި ކުރުވާނެ ކަމެކެވެ.

ބަޔޯސެކިއުރިޓީ ޒޯނެއް ކަނޑައަޅާފައި ވާއިރު، އެ ސަރަހައްދުގެ ތެރޭގައި ވާ ކުޅަނދުރުތަކާއި ހަތާތައްވެސް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އޮސްޓްރޭލިއާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް، މިހާތަނަށް، ވެރޯއާ ސެއްޅިން ސަލާމަތް ވެފައި އޮތް ހަމައެކަނި ސަރަހައްދެވެ. މި ޒާތުގެ ސެއްޅިއަކީ، ކުޅަނދުރަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ނުރައްކަލެވެ.

ތިލެޔޮ ނުވަތަ ސެސަމީ ސީޑް ފުކެއް ވަރުވާ މި ސެއްޅި، ކުޅަނދުރު އާބާދު ބަލިކޮށް މަރާލައެވެ. އެކަން ކުރަނީ ކުޅަނދުރުތަކުގައި ދަތް އަޅައިގެންނާއި ވައިރަސް ފަތުރައިގެންނެވެ.

އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެ ގައުމުގެ ކުޅަނދުރު އާބާދީ ހިމާޔަތް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޕެރައިޓް އަލާވެފައިވާ ސަރަހައްދުގެ ވަށައިގެންވާ 10 ކިލޯމީޓަރު ސަރަހައްދުގައިވާ ކުޅަނދުރު ހަތާތައް ނައްތާލަން ވަނީ ނިންމާފައެވެ. އެ ސަރަހައްދުގައި އެކަނިވެސް 400 އެއްހާ ހަތާ ހުރި ކަމަށް މައުލޫމާތު ލިބެއެވެ. އަދި 25 ކިލޯމީޓަރު ވަށައިގެން ވާ ސަރަހައްދުގައި ދިރިއުޅޭ ކުޅަނދުރުތައް މޮނިޓާ ކުރަމުން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ކުޅަނދުރުތަކަށް ނުދެވޭ ގޮތަށް ލޮކްޑައުން ކުރުން މުހިންމު ކަމަށް އޮސްޓްރޭލިއާގެ ދަނޑުވެރިން ގަބޫލު ކުރެއެވެ. ސެއްޅީގެ ބަލިމަޑުކަން ފެތުރިއްޖެނަމަ، މާމުއި އުފެއްދުމުގެ ސިނާއަތަށް އެކަނިވެސް އަހަރެއްގެ މައްޗަށް 70 މިލިއަން ޑޮލަރުގެ ގެއްލުން ވާނެއެވެ. އޮސްޓްރޭލިއާގެ ކާބޯތަކެތި އުފެއްދުމުގެ ސިނާއަތުގެ 3 ބައިކުޅަ 1 ބައި ބަރޯސާވަނީ ކުޅަނދުރުގެ މައްޗަށެވެ.