އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާޏު، ނުޕޫރު ޝަރުމާ، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އާންމުންގެ ސަމާލުކަމަށް ގެނެސްދިން އިންޑިއާގެ މުސްލިމް ނޫސްވެރިޔާ މުޙައްމަދު ޒުބައިރު ހައްޔަރު ކޮށްފިއެވެ.

ހަބަރުތަކުގެ ސައްހަކަން ކަށަވަރުކޮށްދޭ ވެބްސައިޓް އޯލްޓް ނިއުސްގައި މަސައްކަތް ކުރަމުން ދިޔައ ކޯ ފައުންޑާ މުޙައްމަދު ޒުބައިރަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރަށް ފާޅުގައި ފާޑު ކިޔަމުންދާ ނޫސްވެރިއެކެވެ.

މޯދީއަށް އެންމެ ފާޅުގައި ފާޑު ކިއަމުން ދިޔަ ނޫސްވެރިޔާ ހައްޔަރު ކޮށްފައި ވަނީ ޓްވީޓްތަކެއްގެ މައްސަލާގައި ކަމަށް ހަބަރު ލިބެއެވެ. އޭނާ ހައްޔަރު ކުރީ ދީނީ ގަބޫލުކުރުންތައް ފުރައްސާރަ ކުރި ކަމުގެ ކުށުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ މުޙައްމަދު ޒުބައިރު ހައްޔަރު ކުރި ކުރުން ކުށްވެރި ކޮށްފައެވެ.

އިންޑިއާ ފުލުހުން، މުޙައްމަދު ޒުބައިރު ހައްޔަރު ކުރި ކުރުމަކީ، ނަފުރަތު އުފައްދާ ވާހަކަތައް ހާމަ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންދޫ ސަރުކާރުން ކުރާ މަސައްކަތްތައް ސާފުކޮށް އަންގައިދޭ އަމަލެއް ކަމަށް އިންޑިއާގެ އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ފާހަގަ ކުރެއެވެ.

ޓީވީ ބަހުސެއްގައި ވާހަކަ ދައްކަމުން ބީޖޭޕީގެ ތަރުޖަމާނު، ނުޕޫރު ޝަރުމާ، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި ކަން ފާހަގަ ކޮށް އާންމު ކުރި ވާހަކަތައް، ދުނިޔެގެ އެކި ކަންކޮޅުތަކަށް ވައިރަލް ވެގެން ދިޔައެވެ. އަދި އިސްލާމީ ގިނަ ގައުމުތަކަކުން ޑިޕްލޮމެޓިކް ފެންވަރުގައި އިންޑިއާއާ ދެކޮޅަށް ޝަކުވާވެސް ހުށަހެޅިއެވެ.

ޒުބައިރު ހައްޔަރު ކޮށްފައި ވަނީ 2018 ވަނަ އަހަރު އޭނާ ޕޯސްޓް ކޮށްފައި ވާ ކޮމެންޓެއްގެ ސަބަބުން ހިންދޫންނަށް ފުރައްސާރަ ރައްދުވާ ކަމަށް ބުނެ، ޓްވިޓާ އެކައުންޓަކުން އުފުލި ޝަކުވާއަކާ ގުޅިގެން ކަމަށް ދިއްލީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ އޭއެންއައިއިން ކޮށްފައިވާ ރިޕޯޓަކަށް ރިއާޔަތް ކޮށް، ބީބީސީގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ މުޙައްމަދު ޒުބައިރު މިނިވަން ކުރުމަށް ޑިމާންޑް ކުރަމުންނެވެ.