ޔޯގާ ދުވަހު ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޔޯގާ ދުވަސް ފާހަގަ ކުރަން ޖޫން 21، 2022 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިއު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިއު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ. ފުލުހުން މި މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކު ޖުމްލަ 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެގޮތުން، ޖޫން 21، 2022 ވަނަ ދުވަހު ހައްޔަރު ކުރި ހަ މީހުން؛

ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަހްމަދު (35އ) އެވެ.

ޖޫން 22، 2022 ވަނަ ދުވަހު ހައްޔަރު ކުރި ހަމީހުން؛

ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ) އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަހްމަދު ނަސޫހް (26އ) އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު (31އ) އަދި ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހްއްމަދު (33އ) އެވެ. 2022

ޖޫން 23، 2022 ވަނަ ދުވަހު ހައްޔަރު ކުރި މީހުން؛

ކ. މާލެ، މ. ފަޅުމަތީގެ، އަހްމަދު އަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސިރު (30އ) އެވެ.

ޖޫން 24، 2022 ވަނަ ދުވަހު ހައްޔަރު ކުރި މީހުން؛

ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓާ، އަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ) އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ޔޯގާ މައްސަލަ ހޫނުވެފައި ވާއިރު، ޔޯގާ އަކީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އެންގި ސިޓީއެއްވެސް އާންމު ވިއެވެ. މި މަހުގެ 15 ވަނަ ދުވަހު ފޮނުވި އެ ސިޓީއަކީ ޔޯގާ ހަރަކާތް ބޭއްވުމުގެ ހަ ދުވަސް ކުރިން ފޮނުވި ސިޓީއެވެ. ނަމަވެސް މިހާރު މިނިސްޓްރީން ބުނަނީ އެސިޓީއަކީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށެވެ.

ޔޯގާ މައްސަލަ ހޫނުވެފައި ވާއިރު، ޔޯގާ އާ މެދު އިސްލާމީ ނަޒަރިއްޔާތުގައި ހިލާފުތައް އެބަހުއްޓެވެ. ދީނީ ގިނަ އިލްމުވެރިން ބުރަވަނީ ޔޯގާ ހަރާމް ކަމަށެވެ.

ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތް ކުރި މައްސަލައާ ގުޅިގެން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނީ މިއަދު ކުއްލިއަކަށް ކަންކަން ހަރާމްވެ، ހަލާލުވަމުން އަންނަ ކަމަށާއި މިއަދު އެދުރުންނަށް ވުރެ ދަރިވަރުން މޮޅުވާ ކަމަށެވެ. އަދި ސައުދީގައި ޔޯގާ މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން އުޅޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ދީނީ ކަންކަމުގައި އުޅުއްވާ ބޭފުޅުން އެކަންކަމުގައި އުޅުއްވާފައި، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅުން ސިޔާސީ މަސައްކަތަށް ދޫކޮށްލީމާ ރަނގަޅުވާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.