އަންނަ މަހުގެ 19 ގައި މާލެ ރައްޔިތުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އަންނަ މަހު ބާއްވާ ބައްދަލުވުންތަކުގައި ވެސް އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ހިޔާލުތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި:

  • ކުކައުންސިލުން ރާވާފައިވާ މަސައްކަތްތައް އާންމުންނާ ހިއްސާކުރާނެ
  • ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް ފެނިގެން ދާނެ
  • ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުން އިފްތިތާހު ކުރާނެ

އެ ބައްދަލުވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވުމަށް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.

އޭގެ އިތުރުން، މުއިއްޒު ވަނީ ކައުންސިލުން ހިންގާ މަޝްރޫއުތަކާއި މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

އެގޮތުން، މަގުތައް ހެދުން ފަދަ މަޝްރޫއުތަކަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަތާ ހަތް މަސްދުވަސް ވެއްޖެ ކަމަށާއި، ޕްލޭނިން މިނިސްޓްރީ އާ އެތައް ފަހަރަކު މަޝްވަރާ ކުރެވުނު ނަމަވެސް، ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލަ އެލްޖީއޭ އަށާއި ރައީސް އޮފީހަށް ހުށަހަޅައިގެން ވެސް ކުރިއެރުން ނުލިބޭ ކަމަށް، އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަމެއް އޮވެގެންނެއް ނޫން މި ހުއްޓުން އައީ. އަޅުގަނޑުމެން ކަމެއް ގޯސްކޮށް ކުރާތީކީއެއް ނޫން މި ކަންތައް ހުއްޓިގެން އުޅެނީ."

އެހެންކަމުން، އެ މަޝްރޫއު ހުއްޓުވާފައި ވަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ކަމަށް، މުއިއްޒު ތުހުމަތު ކުރައްވައެވެ.

އަންނަ މަހުގެ 19 ގައި މާލެ ރައްޔިތުންނާ ބައްދަލު ކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، މިދިޔަ އަހަރު އަވަށްތަކަށް ވަކިވަކިން ވަނީ ބައްދަލުވުންތައް ބާއްވައިފައެވެ. އެ ބައްދަލުވުންތަކުގައި މާލެ ތަރައްގީ ކުރުމަށް މުއިއްޒު ހިޔާލު ހުށަހަޅުއްވައި، ކައުންސިލްގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރެއްވިއިރު، އާންމުން ވަނީ އެ ބައްދަލުވުންތަކުގައި ކަންބޮޑުވުންތަކާއި ހިޔާލު ފާޅުކޮށްފައެވެ.