ޕަބްޖީގެ ބޮޑު މުބާރަތަކާ އެކު އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް ކަމަށްވާ "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ރާއްޖެ އަށް ތައާރަފްކޮށްފިއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި، ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ އެކި ފަރާތްތަކުގެ ހާޒިރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވާފައި ވަނީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އުރީދޫން ބުނި ގޮތުގައި، އެ ޕްލެޓްފޯމް ރާއްޖެ އަށް ތައާރަފްކޮށްފައި ވަނީ:

  • ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް
  • ގޭމިން އާ ގުޅުން ހުރި މައުލޫމާތުތަކާއި ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ގެނެސްދިނުމަށް
  • އުރީދޫގެ 4ޖީ އާއި 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ގޭމަރުންނަށް ފަހިކޮށްދިނުމަށް
އުރީދޫގެ ސީއީއޯ އަދި އެމްޑީ އާއި އެ ކުންފުނީގެ ސީސީއޯ ނިޔާޒްގެ އިތުރުން މިނިސްޓަރު މައުސޫމް އުރީދޫ ނޭޝަން ތައާރަފްކޮށްދެއްވަނީ / ފޮޓޯ: އުރީދޫ

ރާއްޖޭގައި އުރީދޫ ނޭޝަންގެ ޕާޓްނަރުންނަކީ ގޭމް ރޫމް، ވީއާރު ކެފޭ، އެންމެން ގޭމިން، އަދި އީ2އެސް އެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލް އައިޓިއުންސް، ނިންޓެންޑޯ، އަދި ޕްލޭސްޓޭޝަން ފަދަ ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑު ގަނެވޭނެ ކަމަށާއި، މަޝްހޫރު ގޭމްތައް ކަމަށްވާ ޕަބްޖީ އާއި ކޯލް އޮފް ޑިއުޓީ އަދި މޯބައިލް ލެޖެންޑްސް ފަދަ ގޭމްތަކަށް ހާއްސަ މޮބައިލް ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވުމުގެ އިތުރުން، ގޭމިން ކޮންސޯލް ފަދަ ތަކެތި ގަނެވޭނެ ކަމަށް، އުރީދޫން ބުންޏެވެ.

އޭގެ އިތުރުން، އުރީދޫން ބުނީ، އުރީދޫ ނޭޝަނުން ގޭމް ކުޅޭ ފަރާތްތަކަށް އަގުހުރި އިނާމުތަކާ އެކު، ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ މުބާރާތްތައް ކުރިއަށް ދާނެ ކަމަށެވެ.

އެއާއެކު، އުރީދޫން ވަނީ އެއް ލައްކަ ރުފިޔާގެ އިނާމަކާ އެކު، އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ "ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް" އިއުލާން ކޮށްފައެވެ. އެ މުބާރާތުގައި:

  • ޕަބްޖީގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ، ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިނާމު އިތުރުވާނެ
  • އެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާ އާއި ވަނަ އުރީދޫ ނޭޝަންގެ ލީޑާބޯޑުން ބަލައިލެވޭނެ
އުރީދޫގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވާހަކަ ދައްކަވަނީ / ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން ތައާރަފް ކުރެއްވުމަށް ފަހު، އުރީދޫގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ، އެ ކުންފުނިން ތިބީ ގޭމިން އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ، ދިވެހި ގޭމިން ކޮމިއުނިޓީ ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށާއި، އެ ޕްލެޓްފޯމްގެ ސަބަބުން، ދިވެހި ގޭމިން ކޮމިއުނިޓީ އަށް ބޮޑެތި ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.

"ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާ އެކު، އާ ފުރުސަތުތަކާ އެކު، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ."
ޚާލިދު އަލް ހަމާދީ | އުރީދޫ, ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު

ގޭމިން އިންޑަސްޓްރީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ކުރި އަރަމުން އަންނަ، އަދި ގިނަ ފުރުސަތުތަކެއް ވެސް އޮތް އިންޑަސްޓްރީއެކެވެ. ބޭރު ގައުމުތަކުގައި ބޮޑު އާމްދަނީ އެއް ލިބޭ، މި އިންޑަސްޓްރީން ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިޒައިނަރުން
  • ޑިވެލޮޕަރުން
  • ޕްރޮގްރާމަރުން
  • އިންޖިނިއަރުން
  • ޕްރޮފެޝަނަލް ގޭމަރުން
  • ސްޓްރީމަރުން

އުރީދޫގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އެކި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް، އެ ކުންފުނިން ބުންޏެވެ.