ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ މަންކީޕޮކްސްއަށް އެއް އުސޫލަކުން އިޖާބަ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، އެ ބައްޔަކީ މީގެ ކުރިން ވަކި ސަރަހައްދަކަށް ހާއްސަ ބައްޔެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލުކޮށް، މަންކީޕޮކްސް އެންޑެމިކް ގައުމުތަކާއި އެނޫން ގައުމުތަކުގެ ފަރަގު އުވާލާފައި ވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޖެނުއަރީ 1 އިން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 42 ގައުމަކުން، މަންކީޕޮކްސްގެ 2103 ކަށަވަރު ކޭސް ފެނިފައި ވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މަންކީޕޮކްސް ކަމަށް ކަށަވަރުވެފައި ވާ ކޭސްތަކުގެ 84 ޕަސެންޓް ކޭސް ހިއްސާ ކުރަނީ ވިލާތުންނެވެ.

މަންކީޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މިންވަރުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްތޯ ކަނޑައެޅުމަށް ޑަބްލިއުއެޗްއޯގެ އެމާޖެންސީ ބައްދަލުވުމެއް، ޖޫން 23 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލަކީ ބަލިމަޑުކަމަކާ ގުޅިގެން އަޅާ އެންމެ މަތީ ދަރައިގެ އިންޒާރެވެ.

މަންކީޕޮކްސްއަކީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން އަރާ ބައްޔެއްތޯ ބެލުމުގެ ދިރާސާތައްވެސް ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޕޭޝަންޓުންގެ ހަށިގަނޑުން ބޭރުވާ ދަރިފަނީގައި ވައިރަހުގެ އަސަރު ހުރިތޯ ބެލަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. ޖަރުމަނުވިލާތާއި އިޓަލީވިލާތުގެ ބައެއް ޕޭޝަންޓުންގެ ހަށިގަނޑުން ބޭރުވި ދަރިފަނިން މަންކީޕޮކްސް ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ.

އާންމު ގޮތެއްގައި އެފްރިކާ ސަރަހައްދުން ފެންނަ މަންކީޕޮކްސް، ދުނިޔޭގޭ އެކި ހިސާބުތަކުން ރިޕޯޓް ކުރަމުން ދާ އިރު، މަންކީޕޮކްސް ބަލިމަޑުކަމަކީ، "ބޮޑު ކަމެއް"ގެ ފެށުމަށް ވެދާނެ ކަމަށް އިންޒާރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.