މަސައްކަތު އައިސް ތިބި އިންޑިއާ ބަޔަކު ދިރިއުޅޭ ފ. ދަރަނބޫދޫގެ އާސާރީ މިސްކިތަކީ އެ ރަށު ކައުންސިލަށް ޤުރުއާން ކްލާސް ހިންގަން ހަވާލު ކުރި މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނީ، އެ ރަށުގައި ބަންދުކޮށްފައި ހުރި މިސްކިތެއްގައި އިންޑިއާގެ ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ، ސޯޝަލް މީޑީއާގައި އާންމުވެފައި ވާ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މި ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މިނިސްޓްރީން ބުނީ، ދަރަނބޫދީގައި ބަޔަކު ދިރިއުޅޭ ތަން ފެންނަ އެ މިސްކިތަކީ އެ ރަށުގައި އާ މިސްކިތެއް އިމާރާތްކޮށް ބޭނުން ކުރަން ފެށި ހިސާބުން ބަނދުކޮށްފައި ވާ މިސްކިތެއް ކަމަށެވެ.

އެ ގޮތުން 2017 ވަނަ އެ މިސްކިތް ބަންދުކޮށްފައި ވާ ކަމަށާއި އަދި އެ މިސްކިތުގައި ޤުރުއާން ކްލާހެއް ހިންގުމަށް ކައުންސިލުން އެދިފައި ވުމުން އެ މިސްކިތް އެ ބޭނުމަށް ކައުންސިލާ ހަވާލުކޮށްފައި ވަނީ ވެސް 2017 ވަނަ އަހަރުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އޭރު އެ ތަނުގައި ޤުރުއާން ކްލާސް ހިންގި ކަން ވެސް މިނިސްޓްރީއަށް ކަށަވަރުވެފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފ. ދަރަނބޫދޫ ކައުންސިލްގެ މެންބަރު ޝާއިރާ އިސްމާއީލް ރަޝީދު ވިދާޅުވީ، އެ މިސްކިތަކީ ރަށުގައި ނަމާދު ކުރާނެ އިތުރު 2 މިސްކިތެއް ހުރުމާއެކު އަދި ބާވެފައި ވުމުން ބަންދުކޮށްފައި ހުންނަ ތަނެއް ކަމަށެވެ. އަދި ގަބުރު ކަށި ފެނުމާއެކު ނަމާދު ކުރުން މާކުރިންސުރެ ހުއްޓާލާފައިވެސް ހުންނަ ތަނެއް ކަމަށާއި، އެ ތަން މިހާރު ބޭނުން ކުރަމުން ގެންދަނީވެސް އެ ބާވަތުގެ މަސައްކަތްތަކަށް އައިސް ތިބޭ މީހުންނަށް ކުއްޔަށް ދިނުމަށް ކަމަށެވެ.

"އެތާ އެ ތިބީ ނަރުދަމާ ހަދާ ކުންފުނީގެ ބައެއް، އެމީހުންވެސް ބެލި ރަށުތެރެއިން ކުއްޔަށް ހިފާނެ ތަނެއް، ކައުންސިލުން އިއުލާންވެސް ކުރި، އެއްވެސް ތަނެއް ނުލިބުނު. ދެން މިސްކިތެއްގެ ގޮތުގައި މާ ކުރީޒަމާނަކު ބޭނުން ކުރި އެހެނަސް ފަހުން ބޭނުން ކުރުން ހުއްޓާލާފައި ހުންނަ ތަނެއް އެއީ، އެތަން ކުއްޔަށް ދެނީ މިހާރު އެފަދަ ބޭނުންތަކަށް"
ޝާއިރާ

އޭނާ އިތުރަށް ވިދާޅުވީ، ރަށުގައި ދިރިއުޅެނީ 400 އެއްހާ މީހުން ކަމަށާއި، ނަމާދު ކުރަން ހުރި 2 މިސްކިތުގެ ތެރެއިން އާ މިސްކިތުގައި މިހާރުވެސް 1000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ކުޑަ މިސްކިތް މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް ހިނގާކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ވައިރަލް ވެގެން އުޅޭ ވީޑިއޯ ކުރި މީހަކު އެކަން ކޮށްފައި އެވަނީ ދޭތެރެ ޖެހޭ ގޮތަށް ކަމަށާއި އެއީ ބީރައްޓެއްސެއް ނަމަ، ރަށަށް އަރައިގެން އެ މިސްކިތާ ހަމައަށް ދިޔުމުގެ (ނަމާދަށް އަރަން) ކުރިން ރަށުގައި ބޭނުން ކުރާ 2 މިސްކިތް ފެންނަން ހުންނާނެ ކަމަށެވެ.

ވީޑިއޯ އާންމު ކުރި މީހާ ވަނީ، އޭނާ ވުޟޫކޮށް ނަމާދު ކޮށްލަން އެރި އިރު ބަޔަކު މީހުން ކައިބޮއެ ނިދާ ހަދަނީ ކަމަށް ބުނެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މިސްކިތުގެ ގޯތި ތެރޭގައި ބަސްތާ ބަސްތާގައި ހުރި އެއްޗެހިތަކަކާއި ބޮޑެތި ހޮޅިތަކެއް ވެސް ގުދަން ކުރާ ގޮތަށް ޖަހާފައި ހުރިކަން ފާހަގަ ކުރެވެއެވެ. ބެލެވޭ ގޮތުގައި އެ މިސްކިތް ހުރި ސަރަހައްދުގައި ވަނީ މަސައްކަތެއް ކުރުމަށް ބޭނުންވާ ސާމާނުތަކެއް ވެސް ބަހައްޓާފައެވެ. އަދި އެ މިސްކިތުން ބޭރުގައި ބަހައްޓާފައި ހުރި އެ ފަދަ ބަސްތާތަކެއް ޖަހާފައި ހުރި ދިމާލުގައި އިންޑިއާއާއި ރާއްޖެ ގުޅިގެން ހިންގާ މަޝްރޫއެއްގެ ބޯޑެއް ވެސް ވަނީ ޖަހާފައެވެ.