އިންޑިއާގެ ޗައްތީޝްގަރުގައި ޖޫން 10 ވަނަ ދުވަހު ވަޅަކަށް ވެއްޓި ތާށިވި އުމުރުން 10 އަހަރުގެ ރާހުލް ސާހު، 100 ގަޑިއިރަށް ފަހު ސަލާމަތް ކޮށްފިއެވެ.
80 ފޫޓު ފުން، ހަނި ވަޅަކަށް ވެއްޓި ތާށިވި ރާހުލް ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަން، 104 ގަޑިއިރަށް ދެމިގެން ދިޔަ އިރު، އެ މަސައްކަތުގައި 500 އެއްހާ މީހުން ބައިވެރިވިއެވެ.
ޖޫން 14 ވަނަ ދުވަހުގެ ވަގުތެއްގައި ވަޅުން ނެގުނު ރާހުލްއަށް ފަރުވާ ދިނުމަށް އޭނާ ގެން ގޮސްފައި ވަނީ އެޕޯލޯ ހޮސްޕިޓަލަށެވެ. ރާހުލްގެ ހާލު ސްޓޭބަލް ކަމަށާ، އޭނާއަށް ދެމުން ދަނީ، ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ކަމަށް، ރާހުލް ނިސްބަތް ވާ ޖަންޖްގީރް-ޗަމްޕާގެ އިސް އޮފިޝަލެއް ކަމަށް ވާ ޖީތެންދުރާ ޝުކްލާ ވަނީ ހާމަ ކުރައްވާފައެވެ.
ޑޮކްޓަރުންވެސް ވަނީ ރާހުލްގެ ހާލު، ގާތުން ބަލަމުން ދާކަމަށް ވިދާޅުވެފައެވެ. ޖުމުލަ ގޮތެއްގައި ރާހުލްގެ ހާލު ރަނގަޅު ކަމުގައި ވީ ނަމަވެސް، ވަޅުގައި ތާށިވެފައި އިން ދުވަސްވަރު ކެއިންބުއިމުގައި ދަތިތަކެއް ހުރުމުން، ހަށިގަނޑު ކޮންމްވެސް ވަރަކަށް ދެރަވެފައި ވާ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވަޅު ތެރޭގައި ގިނަ އިރުތަކެއް ވަންދެން ފެނާއި ޗަކައަށް ހުށަހެޅިފައި އޮތުމުން، ހަމަށްވެސް ހިސާބެއްގެ ގެއްލުންތަކެއް ވެފައިވުން އެކަށީގެން ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރާހުލް ސަލާމަތް ކުރުމުގެ ފަންނީ މަސައްކަތްތަކުގައި ޑިޒާސްޓާ ރެސްޕޯންސް ފޯހުން ހަރަކާތްތެރިވިއިރު، ވަޅުދިޔަ ހިއްކުމުގެ މަސައްކަތުގައި ބައިވެރިވީ އަވަށުގެ އާންމުންނެވެ.
ސަލާމަތާ ރައްކާތެރި ކަމުގެ ގޮތުން ބަލަންޖެހޭ މިންވަރަށް ނުބަލާ ހަދާފައި ހުންނަ ވަޅުތަކުގެ ސަބަބުން ހިނގާ މިފަދަ ހާދިސާތައް، މިފަހަކަށް އައިސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ އިތުރު ވަމުންނެވެ. ވަޅުތަކާއި ފެންގަނޑުތަކަށް ކުދިން ވެއްޓި، ފުރާނަ ގެއްލުމުގެ ހިތާމަވެރި ހާދިސާތައް ދެކުނު އޭޝިއާ ސަރަހައްދުގައި ހިނގާ މިންވަރުވެސް މި ފަހުން އިތުރުވެފައި ވާ އިރު، ރާއްޖޭގައިވެސް އެފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.