އިސްލާމް ދީނުގެ ދިފާއުގައި ކުރަމުންދާ މުޒާހަރާތައް 2 ވަނަ ހަފުތާއަކަށް ދިގުލާ ގޮސްފައިވާ އިންޑިއާގައި، މުސްލިމް އެކްޓިވިސްޓެއްގެ ގެ، އިންޑިއާގެ ސްޓޭޓް ސަރުކާރަކުން ބިމާ ހަމަކުރި ކުރުމަކީ، ޣައިރު ގާނޫނީ އަދަބެއް ކަމަށް އިންޑިއާގައި ކަމުވޮށިގެންވާ، ކުރީގެ 6 ގާޒީއަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ދިރިއުޅެމުންދާ އެތައް ހާސް މުސްލިމުންނެއް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދަނީ، އިންޑިއާގައި ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، މި އުއްމަތުގެ ނަބީއްޔާ މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم އަށް ފުރައްސާރަކޮށް، ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ހުސްވި ހަފުތާގައި އެކަނިވެސް، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުރާވަރު އުމުރުގެ 2 ކުއްޖަކު މަރާލާފައި ވާ އިރު، އެތައް ސަތޭކަ ބަޔަކު ހައްޔަރު ކުރި ކަމަށް ހަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ އިސްލާމީ މުޖުތަމައުންވެސް ދަނީ ބީޖޭޕީގެ މެންބަރުން ހިންގި އަމަލު ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތައްވެސް ހިމެނެއެވެ. ޑިޕްލޮމެޓިކް ފެންވަރުގައިވެސް އިހުތިޖާޖުތައް ފަށާފައި ވީ ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މުސްލިމުންގެ ގެތަށް ސުންނާފަތި ކުރަމުން ދާ އުއްތަރަޕްރަދޭޝް އަކީ ވެސް ބީޖޭޕީގެ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނަ އަދިއްތިޔަނާތަކީ، ގާނޫނާއި އިންސާނީ ހައްގުތަކާވެސް ހިލާފަށް އަދަބު ދިނުމަށް ފާޅުގައި ގޮވާލި މީހެކެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ހިންގި އަމަލުތަކާ ދެކޮޅަށް އިންޑިއާގައި މުޒާހަރާ ކުރި ސަރަހައްދުތަކުގައި މުސްލިމުން ދިރިއުޅެމުން ދާ ގެތަށް ބިމާ ހަމަ ކުރުމުގެ މަސައްކަތް، އިންޑިއާގެ ސްޓޭޓެއް ކަމަށް ވާ އުއްތަރަޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ބާރު ދުވެލީގައި ވަނީ ފަށާފައެވެ.

އެގޮތުން، ޖަވާހިރްލާލް ނެހްރޫ ޔުނިވާސިޓީ (ޖޭއެންޔޫ)ގެ ކުރީގެ ދަރިވަރު އަދި މަގުބޫލު މުސްލިމް އެކްޓިވިސްޓް އާފްރީން ފާތިމާއާއި އޭނާގެ ބައްޕަ ދިރިއުޅެމުން ދިޔަ ގެވެސް މިހާރު ވަނީ ބިމާ ހަމަކޮށްފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން