އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ހިންގި އަމަލުތަކާ ދެކޮޅަށް އިންޑިއާގައި މުޒާހަރާ ކުރި ސަރަހައްދުތަކުގައި މުސްލިމުން ދިރިއުޅެމުން ދާ ގެތަށް ބިމާ ހަމަ ކުރުމުގެ މަސައްކަތް، އިންޑިއާގެ ސްޓޭޓެއް ކަމަށް ވާ އުއްތަރަ ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ބާރު ދުވެލީގައި ފަށައިފިއެވެ.

އެގޮތުން، ޖަވާހިރްލާލް ނެހްރޫ ޔުނިވާސިޓީ (ޖޭއެންޔޫ)ގެ ކުރީގެ ދަރިވަރު އަދި މަގުބޫލު މުސްލިމް އެކްޓިވިސްޓް އާފްރީން ފާތިމާއާއި އޭނާގެ ބައްޕަ ދިރިއުޅެމުން ދިޔަ ގެވެސް މިހާރު ހަމަކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އުއްތަރަ ޕްރަދޭޝްގެ ޕްރާޔަގްރާޖް ސަރަހައްދުގައި އާފްރީން ދިރިއުޅެމުން ދިޔަ ގެ، ސުންނާފަތިކޮށް ބިމާ ހަމަ ކުރުމާއެކު، ޖޭއެންޔޫގައި ވަނީ މުޒާހަރާ ފަށާފައެވެ. އާފްރީންގެ ބައްޕަ، ޖާވިދު އަހުމަދަކީ ޕްރާޔަގްރާޖްގެ މަސްރަހު ހޫނު ކުރި ކަމުގެ ކުށުގައި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހޯދަމުން ދިޔަ މީހެކެވެ.

ވެލްފެއާ ޕާޓީ އޮފް އިންޑިއާގެ ލީޑަރުކަންވެސް ކުރަމުން ދިޔާ ޖާވިދު އަހުމަދުގެ ބިމާ ހަމަ ކުރުމަށްފަހު އޭނާ ހައްޔަރު ކޮށްފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިންޑިއާ ފުލުހުން ބުނެފައި ވާ ގޮތުގައި، ޖާވިދުގެ ގެއިން، ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ލިޔެކިއުންތަކެއް ވަނީ ފެނިފައެވެ.

ޕްރާޔަގްރާޖް ޑިވަލޮޕްމަންޓް އޮތޯރިޓީއިން އާފްރީންއާއި ޖާވިދުގެ ގެ ބިމާ ހަމަކޮށްފައި ވާ އިރު، ޖޭއެންޔޫގެ ދަރިވަރުންގެ އިއްތިހާދުން ވަނީ، މުސްލިމުން ޝިކާރަ ކުރުމަށް ހިންގާ ކެމްޕޭން ހުއްޓާލުމަށް ގޮވާލާފައެވެ.

އުއްތަރަ ޕްރަދޭޝްއަކީ މުސްލިމުންނާ ދެކޮޅަށް، ފާޅުގައި ގިނަ ޖަރީމާތަކެއް ހިންގާ ސަރަހައްދެކެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނަ އަދީއްތިޔަނާތަކީވެސް އެކި ކަހަލަ ތަކުލީފު ޖައްސާ މީހެކެވެ. އުއްތަރަ ޕްރަދޭޝްއަކީ އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބާރްތިޔާ ޖަނާތާ ޕާޓީގެ ބޮޑު ކޮންޓްރޯލެއް އޮންނަ ސްޓޭޓެކެވެ.

2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާއި ނަރޭންދްރާ މޯދީގެ ބީޖޭޕީ ސަރުކާރުން ހަވާލުވި ފަހުން، އެ ގައުމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ.

އިންޑިއާގެ ވެރިކަމާ ބީޖޭޕީއިން ހަވާލުވި ފަހުން، އިސްލާމް ދީނަށް ފުރައްސާރަކޮށް، މުސްލިމުންނަށް ޖެއްސުން ކުރުމުގެ ޖަރީމާތައް އިންޑިއާގައި ހިންގާ މިންވަރު އިތުރު ވެފައި ވާ އިރު، އެފަދަ އަމަލުތަކުން މިހާތަނަށް އެ ޕާޓީއިން ވަނީ ސިޔާސީ މަންފާވެސް ހާސިލު ކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގައި ދީނީ މިނިވަންކަމުގެ ހާލަތު، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ގޯހުން ގޯހަށް ގޮސްފައި ވާ ކަމަށާ، އިންޑިއާއިން ހިންގާފައި ވާ ޖަރީމާތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށް، އެމެރިކާގެ ޕެނަލަކުން ވަނީ އޭޕްރިލް 2022 ގައި ގޮވާލާފައެވެ.

ބައިނަލްއަގުވާމީ ދީނީ މިނިވަންކަމާ ބެހޭ އެމެރިކާގެ ކޮމިޝަން (ޔޫއެސްސާފް) އިން އާންމު ކުރި އަހަރީ ރިޕޯޓްގައި އޮން، "ވަކިން ކަންބޮޑުވާންޖެހޭ ގައުމުތަކުގެ" ލިސްޓުގައި އިންޑިއާ ހިމެނި، މިއީ ވިދިވިދިގެން 3 ވަނަ އަހަރެވެ. އިންޑިއާއިން ދަނީ ދީނީ މިނިވަންކަމުގެ ހައްގު ނިގުޅައިގަންނަނިވި އެތައް ޖަރީމާއެއް ހިންގަމުން ކަމަށް، ވަކި ފަރާތަކަށް ނުޖެހޭ، އެމެރިކާގެ މިނިވަން ޕެނަލުން ވަނީ ބުނެފައެވެ.

އިންޑިއާގައި މިހާރުވެސް ހުރި ގާނޫނުތަކުގެ އިތުރުން، އާ ގާނޫނުތައް ހަދައިގެންވެސް ދީނީ ގޮތުން ބައިމަދު ފިކުރުގެ މީހުންނާ އަދާވާތްތެރިވަނިވި ރޫހެއްގައި، ގައުމީ އަދި ސްޓޭޓް ފެންވަރުގައި ހިންދޫ ނަޒަރިއްޔާ، ނިޒާމުގެ ތެރެއަށް ވެއްދުމުގެ ކަންކަން ކުރުމުގައި އިންޑިއާގެ ސަރުކާރު ދެމި އޮތް ކަމަށްވެސް އެމެރިކާގެ ޕެނަލުން ވަނީ ފާހަގަ ކޮށްފައެވެ.