ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި 3000 މީހުން ހަމަވާ ކަމަށް އީސީއިން އެ ޕާޓީއަށް އަންގައިފިއެވެ.

އީސީއިން މި މަހުގެ 9 ވަނަ ދުވަހު އެ ޕާޓީއަށް ފޮނުވި ސިޓީ ގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިޔާސީ ފާޓީތަކުގެ ރަޖިސްޓަރީ ބަލާ ކަށަވަރުކުރާއިރު 3000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމުގެ ކުރިން އެ އަދަދަށް މެންބަރުން ހަމަ ކުރުމަށް އެމްއާރްްއެމްއަށް ސިޓީ ފޮނުވި ކަމަށެވެ.

މީގެ އިތުރުން އެ އެންގުމާ ގުޅިގެން އެމްއާރްއެމްއިން މެންބަރުން ހަމަކޮށްފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މެންބަރުންގެ އަދަދު 3000 އަށްވުރެ މަދު 4 ޕާޓީއެއް އޮތް ކަމަށް އީސީން މީގެ ކުރިން ބުނިއިރު އޭގެ ތެރޭގައި އެމްއާރުއެމް ހިމެނެއެވެ.

އެކަމާ ގުޅިގެން އެމްއާރްއެމްއިން ވަނީ އެޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެސް 3000 އަށް ގިނަ މެންބަރުން ހަމަވާނެ ކަމަށާއި އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދިވެސް ގިނަ ފޯމުތައް ޕްރޮސެސް ނުކޮށް ހުރިކަމަށް ބުނެފައެވެ.