އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް މިއަދު ހަވީރު "މަގޭ ނަބިއްޔާ" ގެ ނަމުގައި ކުރިއަށް ގެންދާ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރި ވެއްޖެއެވެ.

މިއަދު ހަވިރު 4:00 އިން ފެށިގެން ކުރިއަށް ގެންދާ މި ސައިކަލު ބުރުގައި ގިނައިން ފެންނަނީ ފިރިހެނުންނެވެ. މި ސައިކަލު ބުރުގައި ބަިއވެރިވާ މީހުން އަންނަނީ "ﷲ އަކްބަރު" ކިޔަމުންނެވެ. ހަމައެއާއެކު މި ސައިކަލު ބުރުގެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ އެމީހުންގެ ޝުއޫރުތައް ފާޅު ކުރުމަށް ލިޔުންތައް ލިޔެފައިވާ ބޯޑުތަކާއި ޕޯސްޓަރުތައް ވެސް ބޭނުން ކުރަމުންނެވެ.

އެ ޕޯސްޓަރު ތަކުގައި އިންޑިއާއިން މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ ގޮތްތަކުގެ ވާހަކައާއި އެ ކަންކަން ހުއްޓާލުމަށް ލިޔެފައި ވެއެވެ. އަދި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމށް ގިވާލައި އެފަދަ ކަންކަމުގައި އަޑު އުފުލާ ދިވެހިން ނިކުންނާނެ ކަމަށް ވެސް ސައިކަލު ބުރުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.

މަގޭ ނަބިއްޔާގެ ދިފާއުގައި ސައިކަލް ބުރު / ފޮޓޯ: ޝިއުނާ

މިއަދު ހަވީރު 4 ޖެހި އިރު ރަސްފަންނު ސަރަހައްދުން ފެށި މި ސައިކަލު ބުރު މާލެ ވަށާ ދުއްވަމުން ދާ އިރު، މިހާރު ސައިކަލު ބުރުގެ ބައިވެރިން ތިބީ އުސްފަސްގަނޑު ސަރަހައްދުގައެވެ. މި ސައިކަލު ބުރުގެ ބައިވެރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ސަރަހއްދުން ދިޔަ ވަގުތު އެމަނިކުފާނު ވަނީ ކުޑަދޮރުން ބޭރަށް ބޯ ދއްކުރައްވާ ސައިކަލު ބުރުގެ ބައިވެރިންނަށް އަތްޕުޅުން ހަނާ އަޅުއްވާފައެވެ.

އިންޑިއާއިން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ސައިކަލު ބުރެއް ޖަހާ އިރު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި އަދި ސަރުކާރުންވެސް ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަންނަނީ އިހުތިޖާޖުތައްވެސް ކުރަމުންނެވެ.