ދުނިޔޭގެ ފެންވަރުގައި އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ މި ދަނޑިވަޅުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު ދަމަހައްޓަން ފައި ވިއްދައިގެން އޮތް އިންޑިއާ ފައިސާ (ރުޕީޒް)ގެ އަގު، ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ.

ފައިސާ ގަނެ ވިއްކުމުގެ ބައިނަލްއަގުވާމީ ބާޒާރަށް ބަލާއިރު އިންޑިއާ ފައިސާގެ އަގު މިއަދު ވަނީ، ޑޮލަރަކަށް 77.82 ރުޕީޒްގެ ރޭޓަށް ވެއްޓިފައެވެ. ބުރާސްފަތި ދުވަހު 77.74 ރުޕީޒްއަށް ވެއްޓުނުއިރު، އެންމެ ފަހުން ރުޕީޒްއަގު އިންތިހާއަށް ދަށްވީ މެއި 17 ވަނަ ދުވަހުއެވެ. އެއީ ޑޮލަރަކަށް 77.79ގެ ރޭޓަށެވެ.

އިންޑިއާ ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓުނީ ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކުރޫޑު ނުވަތަ އިނގިރޭސިވިލާތުން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 124 ޑޮލަރަށް އެރުމުން ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ސާފުނު ކުރާ ތެލުގެ އަގު ކުޑަކޮށް އުފުލުނު ކަމުގައި ވީ ނަމަވެސް އެކަމުގެ ނޭދެވޭ އަސަރު، އިންޑިއާއަށް ފޯރައެވެ.

އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ތެލުގެ ސަޕްލައިގެ 85 ޕަސެންޓް އިމްޕޯޓް ކުރާ ގައުމެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލޭ ވަރަކަށް، އިންޑިއާގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ދާ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓްވެސް މައްޗަށް ދެއެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަކުން އެކްސްޕޯޓް-އިމްޕޯޓް ވިޔަފާރިއަށް ބަރޯސާވާ ބޮޑު ހިއްސާދާރަކަށް ވާ އިރު، އިންޑިއާގެ ބާޒާރަށް އަންނަ އަގުތަކުގެ ސީދާ އަސަރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ސީދާ ގޮތުން ފޯރުމުގެ ފުރުސަތު ގާތެވެ.