ހުސްވި ހަފުތާ ބަންދުގައި ބަންގްލަދޭޝްގެ ގުދަނެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 8 މީހަކާ ދެކޮޅަށް، އެ ގައުމުގެ ފުލުހުން ތަހުގީގު ފަށައިފިއެވެ.

44 މީހުން މަރުވެ، އިތުރު އެތައް ސަތޭކަ ބަޔަކު ޒަހަމްވެ، އަދި ގިނަ ބަޔަކަށް ވީނުވީ ނޭނގި ގެއްލުނު ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުން ތަހުގީގު ކުރަމުންދާ 8 މީހުންނަކީ، ހާދިސާ ހިނގި، ކޮންޓޭނަރު ގުދަނުގައި މަސައްކަތް ކުރާ އޮފިޝަލުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެއީ ހާދިސާ ހިނގި ބީއެމް ކޮންޓޭނާ ޑިޕޮޓްގެ އޮޕަރޭޝަންސްގެ މަސައްކަތުގައި ސީދާ ގޮތުން ބައިވެރިވާ އޮފިޝަލުންތަކެއް ކަމަށާ، އެމީހުންނާ ދެކޮޅަށް ތަހުގީގު ހިންގަމުން ދަނީ އިހުމާލާއި ކަންކަން މެނޭޖު ކުރުމުގައި ފެއިލްވުންތަކެއް ހުރި ކަމުގެ ތުހުމަތުގައި ކަމަށް ބަންގްލަދޭޝްގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށް ވާ އަޝްރަފުލް ކަރީމް ވަނީ ހާމަ ކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. 2 ޓީމަކުން މައްސަލަ ބަލަމުން ދާއިރު، ގުދަނުގެ އޯނަރުންނާ ދެކޮޅަށް ފުލުހުންގެ ތަހުގީގެއް ފަށާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރޯވި ވަރުގަދަ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 3 ދުވަސް ހޭދަވިއިރު، އަލިފާންގަނޑު ނިއްވާލެވުނީ 4 ދުވަސް ފަހުން، ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މުޅި އަވަށް ގުޑުވާލި ބާރުގަދަ ގޮވުމަކާއެކު ހިނގި އަލިފާނުގެ ބޮޑު ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ހައިޑްރޮޖަން ޕެރޮކްސައިޑް ކޮންޓޭނަރަކާ ގުޅުމެއް ވާ ކަމަށް ތުހުމަތު ކުރެވެއެވެ. ހާދިސާ ހިނގި ސަރަހައްދަކީ ކެމިކަލްވެސް ރައްކާ ކޮށްފައި ހުރި ސަރަހައްދެއްކަން އަންގާފައި ނުވާ ކަމަށް ފަޔާ ސާވިސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި އަންނައުނާއި ކެމިކަލްވެސް ގުދަން ކޮށްފައި ހުއްޓެވެ.

ގުދަން ހިންގަމުން ދިޔަ ސްމާޓް ގްރޫޕުގެ ޖެނެރަލް މެނޭޖަރު، ޝަމްސުލް ހައިދަރު ސިއްދީގީ ވަނީ، އެ ތަނުގައި ކަސްޓަމްސްގެ އޮފީހެއް ހުންނަ ކަމަށާ، ތާ އަބަދުމެހެން އެކްސްޕޯޓް މަސައްކަތްތައް، އެ އޮފީހުން ވިލަރެސް ކުރަމުން ދާ ކަމަށް ބުނެފައެވެ. އަދި އެތަނުގައި ހުރި އެތައް ހާސް ކޮންޓޭނަރެއްގެ ތެރެއިން، އެންމެ ކޮންޓޭނަރެއް ގޮވުމަކީ ޝައްކުތަކެއް އުފައްދާ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސީނިއާ ފަޔާ ސާވިސް އޮފިޝަލެއް ކަމަށްވާ މުނީރު ހުސައިން ވިދާޅުވީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް، ގުދަނުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށެވެ.