އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ހިންގި ފަދަ އަމަލުތަކުގެ ސަބަބުން، އީމާންތެރިކަމުގައި މުސްލިމުންގެ ރޫހު ވަނީ އިތުރަށް ވަރުގަދަ ކަމަށާ، އުއްމަތުގެ ނަބީއްޔާ މުޙައްމަދު ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ދިފާއު ކުރުމުގައި ލިބެނީ އިތުރު ސާބިތު ކަމެއް ކަމަށް މުސްލިމް ވޯލްޑް ލީގުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގައި މަރުކަޒު ކޮށްގެން ހިންގާ މުސްލިމުންގެ އެންޖީއޯއެއް ކަމަށްވާ މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް އަދި މުސްލިމު އިލްމުވެރިންގެ ޖަމިއްޔާގެ ޗެއާމަން ޑރ މުހައްމަދު އަލް-އީސާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ބީޖޭޕީގެ އޮފިޝަލު ދެއްކި ވާހަކަތައް، މުސްލިމް ވޯލްޑް ލީގުން ކުށްވެރި ކުރާ ކަމަށެވެ.

ދީނީ ޝަހުސިއްޔަތުތަކާއި ރަމްޒުތަކާ ދެކޮޅަށް ހިންގާ އެފަދަ އަމުލުތަކުގެ ސަބަބުން ނުކުންނަ، ނުރައްކަތެރި ނަތީޖާތަކާ މެދު އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ. ޑރ އަލް-އީސާ ވަނީ މި މައްސަލާގައި ބީޖޭޕީއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެއްވެސް ދީނެއްގެ ދީނީ ޝަހުސިއްޔަތެއް ކުޑައިމީސް ކުރުމަކީ އެ ޕާޓީއިން ކުށްވެރި ކުރާކަމެއް ކަމަށް ބީޖޭޕީއިން ބުނި ބުނުމަށްވެސް ޑރ އަލް-އީސާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މުސްލިމް ވޯލްޑް ލީގާއި އެ އިއްތިހާދުގައި ހިމެނޭ ކައުންސިލްތަކުގެ ނަމުގައި އެ ޖަމިއްޔާއިން އާންމު ކުރި ބަޔާނުގައި ޑރ އަލް-އީސާ ވަނީ، އެފަދަ އަމަލުތަކަށް ކުރި ލިބުނަ ނުދީ ހުރަސް އެޅުމަށްވެސް ގޮވާލައްވާފައެވެ.

ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކޮށް، ބީޖޭޕީގެ އޮފިޝަލުންތަކެއް ދެއްކި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބީޖޭޕީއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މެންބަރުން ހިންގި އަމަލުތައް ކުށްވެރިވެސް ކުރަމުންނެވެ.