ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ވާހަކަދެއްކި ދެއްކުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ކުށްވެރި ކޮށްފިއެވެ.
އެމްއެންޕީން ބުނީ، މި މަހުގެ 5 ވަނަ ދުވަހު، އިންޑިއާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާން ނުޕުރް ޝަރްމާ އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ، އެކަލޭގެފާނުގެ ކައިވެނި ފުޅުތަކާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކަކީ މިއުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޕާތީން ބުނެއެވެ.
ކީރިތި ރަސޫލާއަކީ މުޅި އިސްލާމީ އުއްމަތާއި، އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ޣައިރު މުސްލިމުންގެ ލޯތްބާއި ގަދަރު ލިބިގެންވާ މާތް ޝަހުޝިއްޔަތެއް ކަމަށާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކޮށް ކެތްކުރެވޭނޭ ކަމެއް ނޫން ކަމަށް އެމްއެންޕީން ބުނެއެވެ. އެހެންކަމުން އެންމެހާ މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އިންޑިއާ އަށާއި، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެމްއެންޕީން ކުށްވެރިކޮށްފައިވާ އިރު ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއާއި ޖުމްހުރީ ޕާޓީއާއި އެމްޑީޕީގެ އިތުރުން ޕީޕީއެމުން ވެސް ވަނީ ކަނބޮޑުވުން ފާލުކޮށްފައެވެ. ހަމައެއާއެކު ސަލަފާއި ދީނީ އިލްމުވެރިންތައް ވެސް ވަނީ މި މައްސަލައިގައި އަޑު އުފުލައި އެކަން ކުށްވެރިކޮށްފައެވެ. މި މައްސަލައިގައި ރާއްޖޭގެ ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށް އަދި ބީޖޭޕީން މި ކަމާ ގުޅިގެން އެޅި އަވަސް ފިޔަވަޅު ފާހަގަ ކޮށް އެ ޕާޓީއަށް މަރުހަބާ ކިޔާފައެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާއެވެ. ނިއުދިއްލީގައި ހުންނަ ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ފުރައްސާރަ ކުރީ ޓްވިޓާގައެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކި ކޮށްފައެވެ.