ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާ ކުރެވޭ ފެސިލިޓީއަކީ މި ސްޓޭޝަންތަކެވެ. އަދި މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނި ޖަމާ ކުރެވުމުން އެ ކުނި ވަކިކޮށް ރީސައިކަލް ކުރުމަށް ނުވަތަ ނައްތާލުމަށް ހާއްސަކޮށްފައިވާ ފެސިލިޓީއަކަށް ބަދަލު ކުރެވޭނެއެވެ.
އެމްޓީސީސީން ބުނީ، މިފަދަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއްގެ ސަބަބުން ހދ. ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ތަކުގެ ތެރޭގައި، ސައިޓް ކްލިއާ ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅެއް ހެދުމާއި، ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި، ޕެރިމީޓާ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން އެންވާރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
މިއީ 67.7 މިލިއަން ރުފިޔާއަށް 140 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.