އިސްލާމްދީނުގެ ސައްހަ އަގީދާއާއި، ކީރިތި ރަސޫލާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކުރެވޭ ކޮންމެ އަމަލެއް، ދިވެހި ސަރުކާރުން އެއްވެސް ހިފެހެއްޓުމެއްނެތި ކުށްވެރި ކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން މާތް ނަބިއްޔާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ދެއްކި ދަށުދަރަޖައިގެ ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ބީޖޭޕީއިން އެ އޮފިޝަލުންނާ މެދު އަވަސް ފިޔަވަޅުތަކެއް އަޅާފައި ވާތީ، އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާއެވެ. ނިއުދިއްލީގައި ހުންނަ ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ފުރައްސާރަ ކުރީ ޓްވިޓާގައެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

މި މައްސަލަގައި ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައި ވަނީ ސަރުކާރުން މި ކަމަށް ބަހެއް ނުބުނާތީ އެކަމާ އެތައް ބަޔަކު އަޑު އުފުލަން ފަށާފައި ވަނިކޮށެވެ. ސަރުކާރުގެ ބަހެއް ނުލިބި އޮތް ނަމަވެސް ސަރުކާރު ކޯލިޝަންއާ ގުޅިފައިވާ ދެ ޕާޓީ ކަމަށްވާ އަދާލަތު އަދީ ޖުމްހޫރީ ޕާޓީން ވަނީ އެކަން ކުށްވެރިކޮށް އަޑު އުފުލާފައެވެ.