ރެކޯޑު އަދަދަކަށް ހިލޭ އެހީ ލިބޭ ކަމަށް ބުނެ އަސާސީ ތަކެތި އަގުބޮޑު ކުރާތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސައީދު ވިދާޅުވީ ދިވެހިންގެ މައިގަނޑު ކެއުން ކަމުގައިވާ މަސް، (މަސްދަޅު) ކޭހަކުން 150 ރުފިޔާ އަގުބޮޑުކޮށް ސަރުކާރުން ވިއްކުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ތަކެތި އަގުބޮޑު ކުރާއިރު ރެކޯޑު އަދަދަކަށް ލިބުނު ކަމަށް ސަރުކާރުން ބުނި ހިލޭ އެހީ ކޮބައިތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.
ދިވެހިންގެ އަސާސީ ހިދުމަތްތައް އަގުބޮޑުކޮށް ހާލަތާއި ނުބައްދަލު ދަރަނި އުފައްދަން ޖެހޭތޯ ވެސް އައްސަވާ ސައީދު ވަނީ ސަރުކާރުން ފައިސާ ޗާޕު ކުރުމަށް ފަހު އެ ފައިސާ ވެސް ބޭނުން ކުރަނީ ސިޔާސީ ހަރަދުތަކަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ވާހަކަގައި ސައީދު އިޝާރާތް ކުރެއްވީ ތިލަމާލެ ބްރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން މީގެ ކުރިން އަންޒާދާކޮށްފައި ވާއިރު އިތުރު 26 މިލިއަން ޑޮލަރު ހޯދަން ބްރިޖް ހަދާ ކުންފުނިން އެދިފައި ވާތީ އެކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ މައްޗަށް ދިޔަ ކަމަށް ބުނެ، މިފްކޯއިން ތައްޔާރުކޮށް ވިއްކާ ދަޅު މަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒު ވަމުން އަންނަައިރު ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާ ގާނޫނާ ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެކަމާ ގުޅިގެން ސައީދު ވަނީ ސަރުކާރަށް މީގެ ކުރިންވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު ވަނީ ރާއްޖޭގެ ރައްޔިތުން އެކަމަށް ތައްޔާރު ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމުގައިވެސް ވިދާޅުވެފައެވެ.
ޕްލާސްޓިކްގެ 8 ބާވަތެއް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައި ވުމުން، ކޮކާކޯލާއާއި ބޮނަކުއާގެ އިތުރުން ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުކޮށްފައެވެ.
މަނާ ކުރި ބާވަތްތައް:
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތައްޓާއި ސަމުސާ އާއި ވަޅި އާއި އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
މިއާއެކު ގޭބިސީތަކުން ކުނި މެނޭޖް ކުރުމަށް ކުރަން ޖެހޭ ހޭދަވެސް ވަނީ ބޮޑުވެފައެވެ. މިހިނގާ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނި 3 ބާވަތަށް ވަކިކޮށްގެން އުކަން ޖެހުމާއެކު، ކުނި އަޅާ ކޮތަޅަށް ކުރަން ޖެހޭ ހޭދަ އިތުރުވު ވެމްކޯ ފީއާއެކު އެންމެ މަދުންވެސް މަހެއްގެ މައްޗަށް 330ރ. ގޭބިސީއަކުން މިހާރު ހަރަދު ކުރަން ޖެހޭނެއެވެ.