އަވަށްޓެރި އިންޑިއާގެ އޮފިޝަލުންގެ ޓީމެއް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރާމަ ތޯލިބާނު ޖަމާއަތުގެ ހާރިޖީ ވަޒީރު މައުލާވީ އާމިރު ހާން މުއްތަގީއާއި ބައްދަލު ކޮށްފައި ވާ ކަމަށް، ތޯލިބާނުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާއާއި ތޯލިބާނުންނާ ދެމެދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގެންފައި އޮތް އަފްގާނިސްތާނުގެ ސަރުކާރުގެ އަތުން އަފްގާނިސްތާނުގެ ވެރިކަން، ތޯލިބާނުން ނެގި ފަހުން، އިންޑިއާގެ ރަސްމީ ވަފުދެއް، އަފްގާނިސްތާނަށް ވަޑައިގެން، މަޝްވަރާ ކުރި ފުރަތަމަ ފަހަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަޝްވަރާގެ މައިގަނޑު މައުލޫއަކީ ދޭދޭ ގުޅުމާއި އިންސާނީ އެހީ ކަމަށް ތޯލިބާނުން ވަނީ ބުނެފައެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގުމާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި އެ ގައުމު ވަނީ އިންތިހާއަށް އެކަހެރި ކޮށްފައެވެ. އެމެރިކާއިން ކުއްލި ގޮތަކަށް ގައުމު ދޫކޮށްލުމުން، އިންޑިއާއިން ވަނީ ކާބޯތަކެއްޗާއި އެނޫންވެސް އެހީ، އަފްގާނިސްތާނަށް ފޮނުވާފައެވެ.

ތޯލިބާން ހާރިޖީ ވަޒީރު މުއްތަގީއާއި ބައްދަލު ކުރި އިންޑިއާ ފޮރިން މިނިސްޓްރީ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ، އެ ވުޒާރާގެ ސެކްރެޓަރީ ޖޭޕީ ސިންހް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ބައްދަލުވުމަކީ ދޭދޭ ބަދަހި ގުޅުންތަކުގެ ރަނގަޅު ފެށުމެއް ކަމަށް ތޯލިބާން ވަޒީރު ވިދާޅުވި ކަމަށް، އަފްގާނިސްތާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނުގެ މަގާމުގައި ހުރި ޢަބްދުލްޤައްހާރު ބަލްކީ ވަނީ ފާހަގަ ކޮށްފައެވެ.

އަފްގާނިސްތާނުގައި އޮތް ތޯލިބާން ސަރުކާރާއި އިންޑިއާއާ ދެމެދު، ރަސްމީ ސިފައެއްގައި ޑިޕްލޮމެޓިކް ގުޅުން ނެތް ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ދޭދޭ މަންދޫބުންގެ ބައްދަލުވުމެއް، މީގެ ކުރިން ދޯހާގައިވެސް ކުރިއަށް ގެންދިޔަ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާ ސަރުކާރުން، ތޯލިބާނުންގެ ސަރުކާރު މިހާރު ބަލައިގަތީތޯ ސުވާލު ކުރުމުން، "ދަތުރާ ބެހޭ ގޮތުން މާ ފުންކޮށް ވިސްނަނީ ކަމަށް" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދާމް ބަގްޗީ ވިދާޅުވިކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.