އިންތިހާ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާ ޗައިނާގެ އިގުތިސޯދު ނެގެހެއްޓުމަށްޓަކާ އެ ގައުމުގެ ސަރުކާރުން، ދައުލަތުގެ ޕޮލިސީ ބޭންކުތަކާ ދިމާއަށް މިސްރާބު ޖަހާ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 120 ބިލިއަނެއްހާ ޑޮލަރު ފަންޑު ކުރުމަށް އަމުރު ކޮށްފިއެވެ.

އެކަން އިއުލާން ކޮށްފައި ވަނީ ޗައިނާގެ ބޮޑުވަޒީރު ލީ ކީގިއާންގް ރިޔާސަތު ބެލެހެއްޓެވި ސްޓޭޓް ކައުންސިލްގެ ބައްދަލުވުމެއްގައެވެ. ޗައިނާގެ ސަރުކާރުން ހިޔާރު ކޮށްފައި ވާ މި ރޫޓަކީ، މި އަހަރު ހިންގަން ޖެހޭ އުމްރާނީ ތަރައްގީގެ މަޝްރޫތަކުގެ ބޮޑު ބަޔަކަށް ފައިސާ ހަމަޖެހުމުގެ އިތުރުން، އާމްދަނީ ދަށްވުމުގެ ސަބަބުން ހާލުގައި ޖެހެމުންދާ ސަރަހައްދީ ސަރުކާރުތަކަށް ހިންދެމިލާނެ ފުރުސަތު ތަނަވަސް ކޮށްދޭނެ މަގެއް ކަމަށް ބެލެވެއެވެ.

ސްޓޭންޑާ ޗާޓާޑްއިން އަންދާޒާ ކުރާ ގޮތުގައި އިމުމްރާނީ ދާއިރާގައި އިންވެސްޓް ކުރާ މިންވަރު، މި އަހަރު 10-15 ޕަސެންޓާ ދެމެދު މިންވަރަކަށް އިތުރުވާނެއެވެ. ނަމަވެސް އެއީ އިގުތިސޯދީ ކުރިއެރުމަށް އެޅިފައިވާ ހުރަސްތައް މުޅިން ނައްތާލުމަށް އެންމެ އެކަށީގެން ވާ މިންވަރު ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ. ބްލޫމްބާގް އިކޮނޮމިކްސްގެ އަންދާޒާއަށް ބަލާއިރު، ޗައިނާއިން އުމްރާނީ ތަރައްގީގެ ކަންކަމަށް 2021 ވަނަ އަހަރު 23 ޓްރިލިއަން ޔުއާން ވަނީ ހޭދަ ކޮށްފައެވެ.

އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ހަލުވި ކުރާނެ ސިޔާސަތުތައް ބާރު ސްޕީޑްގައި ތަންފީޒު ކުރުމަށް ޗައިނާގެ ސަރުކާރުން ގޮވާލަން ފަށާފައި މި ވަނީ، އޭޕްރިލް 2022 ގައި ޗައިނާގެ އިގުތިސޯދީ ހަރަކާތްތައް މަޑުޖެހި، ވަޒީފާ ނެތުމުގެ މައސަލަ އިންތިހާއަށް ބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ. މެއި 2022 ގައިވެސް އިގުތިސޯދު ހިފާފައި ހުރީ ދަށަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ޕޮލިސީ ލެންޑަރުންގެ ތެރޭގައި ޗައިނާ ޑިވަލޮޕްމަންޓް ބޭންކު، އެގްރިކަލްޗަރަލް ޑިވަލޮޕްމަންޓް ބެން އަދި އެކްސްޕޯޓް-އިމްޕޯޓް ބެންކް އޮފް ޗައިނާ ހިމެނެއެވެ.