ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދުމަށްފަހު އަމިއްލަ އިހުތިޔާރުގައި ދޭން އޮންނަ ސާވިސް ޗާޖު، ދައްކަން މަޖުބޫރު އަގެއްގެ ގޮތުގައި ބައެއް ރެސްޓޯރަންޓްތަކުން ނަގަމުން ދާ މައްސަލަ ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން ތެދުވެއްޖެއެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ސާވިސް ޗާޖުގެ ގޮތުގައި ކަސްޓަމަރުން ފައިސާ ދައްކަމުން ދިޔައީ ލިބުނު ހިދުމަތުގެ ފެންވަރަށް ބެލުމަށް ފަހު، އެމީހަކު އެކަމަށް ރުހޭ މިންވަރަކުންނެވެ. ނަމަވެސް މި ފަހަކަށް އައިސް، އިންޑިއާގެ ރެސްޓޯރަންޓްތަކުން ދަނީ ބިލުގެ 5 ޕަސެންޓާއި 15 ޕަސެންޓާ ދެމެދު މިންވަރެއް، ސާވިސް ޗާޖުގެ ގޮތުގައި ކަސްޓަމަރުންގެ އަތުން ލާޒިމު އަގެއްގެ ގޮތުގައި ނަގަމުންނެވެ.
ހިދުމަތުގެ ފެންވަރު ކިތަންމެ ދަށްވެފައި ކާ އެއްޗިހި ކިތަންމެ ނުބައިވި ކަމުގައި ވީ ނަމަވެސް، އެއީ ދައްކަން ޖެހޭ އަގަކަށް އޮންނަނީ ވެފައެވެ. ގިނަ މީހުންނަކީ ބިލާ މެދު ޒުވާބުކޮށް ހަދާ ބަޔަކަށް ނުވުމުން، ކޮންމެ ކަސްޓަމަރަކުމެހެން އެ ފައިސާ ދައްކައެވެ.
ސާވިސް ޗާޖު މަޖުބޫރު ވުމުގެ މައްސަލަ ބޮޑުވަމުންދާ ދިއުމާ ގުޅިގެން އިންޑިއާގައި ރެސްޓޯރަންޓް ހިންގާ ފަރާތަކީ ބުނީ، ބިލުގައި ސާވިސް ޗާޖު ހިމަނަން ޖެހުނީ ހުރިހާ މުވައްޒަފުންނަށް އެ ފައިސާ ނުލިބި، ވެއިޓަރުން އެ ފައިސާ ނުވަތަ ޓިޕް ނަގާތީ ކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމަށެވެ. ކައްކާއާއި ހިސާބުން ފެށިގެން ރެސްޓޯރަންޓްތެރެ ސާފުކޮށް ހިދާ މީހުންނަށް ބިލާ ހިސާބަށް ދެވޭ ގޮތް ނުވެ، ކަސްޓަމަރު ދޭ ޓިޕް، ވެއިޓަރުގެ ޖީބަށް ދާ މައްސަލައަށް ހައްލު ހޯދުމަށެވެ.
ހިދުމަތަށް ޓިޕް ދިނުމުގެ ސަގާފަތް އިންޑިއާއަށް ތައާރަފުވީ ހުޅަނގުން ކަމަށް ބުނެވެއެވެ. މިނިވަން ކަމުގެ ހުޅުވިފައި ދޮރުތަކާ ދިމާއަށް އިންޑިއާއިން މިސްރާބު ޖެހި 1960ގެ އަހަރުތަކުގައި ބައެއް މުވައްޒަފުންނަށް ލިބުނު ހަމައެކަނި ފައިސާއަކީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ޓިޕެވެ.
2022 ވަނަ އަހަރާ ހިސާބަށް އާދެވުނު އިރު، އިންޑިއާގެ ރެސްޓޯރަންޓް ވިޔަފާރިއަކީ ވަރުގަދަ ސިނާއަތަކަށް ވެއްޖެއެވެ. ސިނާއަތުގެ އަގު 55 ބިލިއަން ޑޮލަރު ނުވަތަ 4.2 ޓްރިލިއަން ރުޕީޒްއަށް އަރައެވެ. މިއީ އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރު ކުރާ ގިނަ އަދަދެއްގެ ދިވެހިންވެސް ބަރޯސާވާ ސިނާއަތެކެވެ.
2017 ވަނަ އަހަރު އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮންޒިއުމާ އެފެއާޒްއިން އާންމު ކޮށްފައި ވާ ގަވައިދު ބުނާ ގޮތުގައި، ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަން މަޖުބޫރު އަގަކީ، މެނޫގައި ބަޔާން ކޮށްފައިވާ އަގުގެ އިތުރުން ސަރުކާރުން ނަގާ ޓެކުހަށް ވާ އަގެއްގެ މިންވަރެވެ. ކަސްޓަމަރުންގެ ރުހުމާ ނުލާ އިތުރު ފީއެއް ނުވަތަ އަގެއް ނަގާނަމަ، އެއީ ވިޔަފާރީގައި އިންސާފުން އެއްކިބާވުމުގެ އަމަލެއް ކަމުގައި ބެލޭނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
ސާވިސް ޗާޖަކީ އަމިއްލަ އިހުތިޔާރުގައި ދޭ އެއްޗަކަށް ވީ ނަމަވެސް، ބައެއް ކަސްޓަމަރުންނަށް މައްސަލަ ނިންމަންޖެހެނީ ކޯޓުންނެވެ.
ގަވައިދު އެ ގޮތަށް އޮތް ކަމުގައި ވީ ނަމަވެސް ރެސްޓޯރަންޓްތަކުން ސާވިސް ޗާޖު ދެއްކުމަށް މަޖުބޫރު ކުރަމުން ދާ މައްސަލާގައި އިންޑިއާގެ ރެސްޓޯރަންޓް އެސޯސިއޭޝަން (އެންރާއީ)އާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދުގެ ވަގުތެއްގައި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ.