"މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިހާރު ނޫހުގެ އޮފީހަށް ބަޔަކު ވަދެ އިންޒާރު ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ފުލުހަށް ލިބިފައިވާ ސިޓީއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

"މިހާރު" އިން ނެރުނު ބަޔާނުގައި ވަނީ އެ ނޫހުގައި ލިޔާ ބައެއް އާޓިކަލްތަކުގެ ހަގީގަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާ ޕޯސްޓު ހަދައި ނޫސްވެރިންނަށް ބުލީކޮށް، އެ ނޫހާއި ނޫސްވެރިންނާ ދޭތެރޭ ނަފްރަތު އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން 'މިހާރު'ގެ އޮފީހަށް ގޮތް ނޭނގޭ މީހުން ވަދެ، ބިރު ދެއްކުމުގެ އަމަލެއް މި ފަހުން ހިންގާފައިވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މީގެ ކުރިން މިހެން ދިމާވެފައިވާ ކަންކަމާ ގުޅިގެން އެ ނޫހުގެ ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވިޔަސް ކަންކަން އިތުރަށް ގޯސްވެ، ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީ އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރާ އެއްވެސް ނޫސްވެރިއަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް އެއްވެސް ގޮތަކަށް ދައްކައިފިނަމަ އެކަމަކާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް މީގެ ފަހުން އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެ ނޫހުގެ ނޫސްވެރިންނަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށް ބުނެފައެވެ. އަދި ނޫސްވެރިން ލިޔާ ލިޔުމަކާ ނުވަތަ ކުރާ މަސައްކަތަކާ ގުޅުވައި ނޫސްވެރިންނާ ޒާތީގޮތުން ދިމާކޮށް ފުރައްސާރަކޮށް ބިރުދެއްކުމުގެ އަމަލުތަކަކީ ފާޑުކިޔުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް އެމްޖޭއޭއިން ބުނެއެވެ.