އެމެރިކާގެ އޮކްލަހޯމާގައި ހުންނަ ސެއިންޓް ފްރާންސިސް ހޮސްޕިޓަލުގައި ބަޑީގެ ހަމަލާތަކެއް ދީ، 4 މީހުން މަރާލައިފިއެވެ.
ބަޑީގެ ހަމަލާތައް ދީފައި ވަނީ ހޭންޑްގަންއެއްގެ އިތުރުން ރައިފަލެއް ހިފައިގެން ހުރި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ދުނިޔޭގެ އެންމެ މިނިވަން ގައުމު ކަމަށް ވަކާލާތު ކުރަމުން އަންނަ އެމެރިކާގައި ބަޑީގެ ހަމަލާތައް ދީގެން މައުސޫމު، އާންމުން މަރަމުންދާ ސިލްސިލާ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ޓެކްސަސްގެ އެލެމެންޓްރީ ސްކޫލަކަށް ބަޑީގެ ހަމަލާތަކެއް ދީ 19 ދަރިވަރުންނާއި 2 ޓީޗަރެއްގެ ފުރާނަ ވަނީ ދުވާލާފައެވެ.
ސެއިންޓް ފްރާންސިސް ހޮސްޕިޓަލުގެ ބޭރުގައި ހުންނަވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސް އޮފިޝަލެއް ކަމަށް ވާ އެރިކް ޑެލްގީޝް ވިދާޅުވީ، ބަޑީގެ ހަމަލާތައް ދިން މީހާވެސް މަރުވެފައި ވާ ކަމަށާ، އޭނާ މަރުވީ އަމިއްލައަށް ދީފައި ވާ ކަމަށް ބެލެވޭ ޒަހަމެއްގެ ސަބަބުން ކަމަށެވެ.
ބަޑީގެ ހަމަލާ ދީފައި ވަނީ އުމުރުން 35 އަހަރާއި 40 އަހަރާ ދެމެދުގެ މީހެއް ކަމަށާ، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
ހާދިސާ ހިނގާފައި ވަނީ ސެއިންޓް ފްރާންސިސް ހޮސްޕިޓަލުގައި ހުންނަ ނެޓާލީ މެޑިކަލް ބިލްޑިންގްގައެވެ. އެއީ އެޑްމިޓް ނުކޮށް ސާޖަރީ ހާދަ ޕޭޝަންޓުން ނުވަތަ އައުޓް ޕޭޝަންޓް ސާޖަރީއާއި އުރަމަތީގެ ސިއްހަތާ ބެހޭ ކަންކަމަށް ހާއްސަ އިމާރާތެކެވެ.
މި ފަހަކަށް އައިސް އެމެރިކާގައި ދޭ ބަޑީގެ ހަމަލާތައް އިތުރު ވަމުން ދިޔަ ނަމަވެސް، އާންމުކޮށް ބަޑި ގެންގުޅުން މަނާ ކުރުމަށް ގާނޫނު ފާސް ކުރުމަށް އެ ގައުމުގައި ވަނީ ކުރި ލިބޭ ގޮތް ނުވެފައެވެ. ބަޑި ގެންގުޅުމާ ދެކޮޅަށް ގާނޫނު އެކުލަވާލުމަށް އެންމެ ބޮޑަށް އުޒުރު ދައްކަމުން ދަނީ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ނިސްބަވްވެވަޑައިގަންނަވާ ރިޕަބްލިކަންސް ޕާޓީގެ ސަޕޯޓަރުންނެވެ.
ބަޑި ގެންގުޅުން މަނާ ކުރުން ނުވަތަ ބަޑި ގެންގުޅުމުގެ އުސޫލުތައް ހަރުކަށި ކުރުމުގެ ގާނޫނާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނާ ގޮތުގައި، ގާނޫނަށް އުޅޭ މީހުންގެ ހައްގުތައް ހަނި ކުރުމަކީ އިންސާފެއް ނޫނެވެ. ނަމަވެސް އެމެރިކާގައި ބަޑީގެ ހަމަލާތައް ދީ، އާންމުންގެ ގިނަ ބަޔަކު މަރަމުން ދާ މައްސާލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.