ދުނިޔޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު ފެތުރެމުންދާ މަންކީޕޮކްސް ބަލިމަޑުކަމަކީ، "ބޮޑު ކަމެއް"ގެ ފެށުމަށް ވެދާނެ ކަމަށް އިންޒާރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑެމިކް ޕްރެޕެއާޑްނަސް އެންޑް ޕްރިވެންޝަންގެ އިސްވެރިޔާ ސްލްވީ ބްރައަންޑް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންކީޕޮކްސްގެ ކޭސްތައް އިތުރު ވަމުން ދާ ދިއުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބްރައަންޑް ވިދާޅުވީ، މިހާރު ފެންނަނީ ކަނޑުއަޑިއަށް ޣަރަގުވެފައިވާ ގަނޑުފެނުގެ ފަރުބަދައަކުން، ފެނުން މައްޗަށް ހިއްލާލާފައި ކުޑަ ތަންފުކެއް ވަރުގެ ކަމެއްކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ. ނުވަތަ މިއީ ބޮޑުކަމެއްގެ ކޮޅުމަތި ނޫން ކަމެއްވެސް ނޭނގޭކަމަށް އިޝާރާތް ކުރައްވާފައެވެ.

މަންކީޕޮކްސް ބަލި ފެތުރެމުންދަނީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދަރަޖާގައި ތޯ ވިލަރެސް ކުރުމަށް ވިސްނަމުން ދާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އާންމު ގޮތެއްގައި އެފްރިކާ ސަރަހައްދުން ފެންނަ މަންކީޕޮކްސް، ދުނިޔޭގޭ އެކި ހިސާބުތަކުން ރިޕޯޓް ކުރަމުން ދާ އިރު، މިހާތަނަށް 24 އަކަށް ގައުމުން ކޭސްތައް ވަނީ ފެނިފައެވެ. މެއި 7، 2022 ވަނަ ދުވަހު އިނގިރޭސިވިލާތުން ކޭސް ރިޕޯޓް ކުރި ފަހުން، ދުނިޔޭގެ އެކި ހިސާބުތަކުން 400 އެއްހާ ކަށަވަރު އަދި ބައްޔަށް ޝައްކު ކުރެވޭ ކޭސްތައް ވަނީ ވަނީ ފެނިފައެވެ.

މިއީ ފާއިތުވީ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އެފްރިކާ ސަރަހައްދުން ބޭރުގައި މި ބަލި މިހާ ގަދައަށް ފެތުރިގެން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހާ ހަލުވި މިނެއްގައި ފެތުރިގެން ދާ ބަލިމަޑުކަމެއް ނޫން ކަން، ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.

މިހާރު ފެތުރެމުންދާ މަންކީޕޮކްސް ބައްޔަކީ، ޕެންޑަމިކްއެއް ނުވަތަ އާލަމީ ބަލިމަޑުކަމެއްގެ ދަރަޖާގައި ފެތުރިގެން ހިނގައިދާނެ ބައްޔެއްތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ރޯޒާމަންޑް ލުވީސް ވިދާޅުވީ، ވަކި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށާ، ނަމަވެސް އާލަމީ ބަލިމަޑުކަމަކަށް ވެދާނެ ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

މަންކީޕޮކްސްއަކީ 1980 ގެ އަހަރުތަކުގައި ދުނިޔެއިން އެ ބަލި ފިލުވާލެވެންދެން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު އެ ބަލީގައި ޝިކާރަކޮށް މި ދުނިޔެއާއި ވަކި ކުރަމުން ދިޔަ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރިއާ ގުޅުމެއް އޮތް ބައްޔެކެވެ.

މަންކީޕޮކްސް ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ ބަލިޖެހިފައި ވާ މީހަކާ ގޭބިސީ ހިއްސާ ކުރުން، ބަލިޖެހިފައިވާ މީހަކާ ޖިންސީ ގުޅުން ހިންގުން ނުވަތަ ހަށި ރައްކަލަށް ބޭނުން ކުރާ (ޕީޕީއީ) އާލާތް ބޭނުން ކުރުމަކާ ނުލާ، (ބަލިޖެހިފައި ވާ މީހާގެ) ތަންމަތި ބަދަލު ކުރުން ފަދަ ކަންކަން ކުރާ މީހުންނެވެ.