ވިލިމާލޭގައި ކުޑަކުދިން ތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލާގައި ވިލިމާލެ ހޮސްޕިޓަލްގެ ބައެއް ސްޓާފުންނާއި ބައެއް ނަރުހުން ސަސްޕެންޑު ކޮށްފިއެވެ.

ސަސްޕެންޑް ކުރި ސްޓާފުންނާއި ނަރުހުންގެ އަދަދު ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަ ނުކުރި ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ކަށަވަރުވެފައި ވާ ގޮތުން، ވެކްސިން ކަންތަކުގައި ޝާމިލްވާ ސްޓާފުން ތިބީ ސަސްޕެންޑް ކޮށްފައެވެ.

ވިލިމާލެ ހޮސްޕިޓަލުން ދެމުން ގެންދިޔަ ވެކްސިނަކީ، އެ ވެކްސިންތައް ހެލްތް މިނިސްޓްރީން ހޮސްޕިޓަލާ ހަވާލު ކުރި އިރު ވެސް މުއްދަތު ހަމަވެފައި ހުރި ވެކްސިންކަންވެސް މިހާރު ވަނީ އެނގިފައެވެ. އަދި ޖެނުއަރީން ފެށިގެން އެ ވެކްސިން ދެމުން ގެންދިޔަ އިރު، އޭގެ އެކްސްޕަޔަރީ (މުއްދަތު ހަމަވާ ތާރީހު) ހޮސްޕިޓަލް ސްޓާފުން ބަލާފައި ނުވާކަންވެސް އެނގިފައި ވެއެވެ.

މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އެ ވެކްސިންގެ މައްސަލަ ފެންމަތިވެފައި މިވަނީ، ވެކްސިން ޖަހަން ކުޑަކުއްޖަކު ގޮވައިގެން ގޮސް އިން އެ ކުޑަކުއްޖާގެ މަންމައަށް ވެކްސިން ވައިލް ފެނި އެކަން ފާހަގަވި ހިސާބުންނެވެ.

އެމައްސަލާގައި އެހޮސްޕިޓަލުގެ ބައެއް ސްޓާފުންނާއި ބައެއް ނަރުހުން ސަސްޕެންޑު ކުރި އިރު މި މައްސަލާއާ ގުޅިގެން ހެލްތު މިނިސްޓްރީ ބުނެފައި ވަނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. އެމައްސަލައާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ނަމަވެސް އައިޖީއެމްއެޗުން ބުނެފައި ވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެހޮސްޕިޓަލާއި އެޗްޕީއޭއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި އެ ފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން އާންމު ކުރި ކުރު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އެ އަވަށުގެ ގިނަ ބައެއްގެ ފަރާތުން އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.