ޔޫކްރައިންގައި ހުރި ގޮވާމުގެ ސަޕްލައިއިން އެންމެ މަދުވެގެންވެސް ބައި މިލިއަން ޓަނުގެ ގޮވާން، ރަޝިއާއިން ވަގަށް ނަގާފައި ވާ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން، އެންމެ ބޮޑު އަސަރެއް ފޯރާފައި ވަނީ ބައިނަލްއަގުވާމީ ގޮވުމުގެ ސަޕްލައިއަށެވެ.

ހަނގުރާމަ ފެށިފަހުން ސިލްސިލާ ގޮތެއްގައި ކޮންމެ ރެއަކުވެސް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާ ޒެލެންސްކީގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ރަޝިއާއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ޣައިރު ގާނޫނީ ގޮތެއްގައި އެ ގޮވާންތައް ވިއްކާލުމަށް ކަމަށެވެ. ރަޝިއާގެ އަމާޒު ހުރީ ވަގަށް ނަގާފައިވާ އެއްޗިހި ވިއްކައިގެން ފައިސާ ހޯދުމަށްފަހު، ބާކީ ހުރި އެއްޗެއް ގާނޫނީ އިމުގެ ތެރެއިން ހިނގާ ބާޒާރުގައި ދައުރު ކުރުމަށް ކަމަށްވެސް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ސީއެންއެންއިންވެސް ވަނީ، ވަގަށް ނަގާފައި ވާ ޔޫކްރައިންގެ ގޮވާން ބަރުކޮށްފައި ވާ ރަޝިއާގެ ވިޔަފާރި އުޅަނދެއް، ސޫރިޔާގެ ލަތާކިއާ ބަނދަރަށް ވަދެފައި ވާ ކަމަށް ބުނާ މަންޒަރެއް އާންމު ކޮށްފައެވެ. ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ބޯޓުގައި ހުރީ 30000 ޓަނުގެ ޔޫކްރައިން ގޮދަނެވެ.

ކަން މިހެން އޮތް އިރު ރަޝިއާއިން ދަނީ ޔޫކްރައިނުން ގޮވާން އެކްސްޕޯޓް ކުރެވެން ހުރި މަގުތައް ބަންދު ކުރަމުންނެވެ. ޔޫކްރައިންގެ ކަނޑު ބަނދަރުތަކަށް ރަޝިއާއިން ހުރަސް އަޅާފައި އޮތުމުގެ ސަބަބުން، 22 މިލިއަން ޓަނުގެ ގޮވާން، އެކްސްޕޯޓް ނުކުރެވި އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ޒެލެންސްކީ ވަނީ ދުނިޔެ ބަނޑަށްޖައްސާލުމަށް ރަޝިއާއިން މަސައްކަތް ކުރަމުންދާކަން ސާފު ކަމަށްވެސް ވިދާޅުވެފައެވެ. ޔޫކްރައިންގެ ގޮވާމަށް ބަރޯސާވެފައިވާ ގައުމުތަކަށް އެ ސަޕްލައ ނުލިބި، ހިޖުރަވެރިންގެ އާ ކާރިސާއެއް ފެށިދާނެ ކަމުގެ އިންޒާރުވެސް ޒެލެންސްކީ ވަނީ ދެއްވާފައެވެ.

ޔޫކްރައިންގެ ވާހަކަ އެފަދަ ގޮތަކަށް ހުރި އިރު، ދުނިޔެ ބަނޑަށް ޖެހެމުން ދަނީ ހުޅަނގުގެ ގައުމުތަކާ ހެދި ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.