ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިން ކުދަކުދިންނަށް ދިން މައްސަލަ ފެންމަތިވެ، އެކަން ބަލަން ބަލައިފިއެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ހޮސްޕިޓަލްގައި އެކްސްޕަރާ ވެފައި (މުއްދަތު ހަމަވެފައި) ހުރި ވެކްސިން ދިން ކަމުގެ ޝަކުވާ މިނިސްޓްރިއަށް ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ހެލްތް މިނިސްޓްރީ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެފައި ވަނީ، އެއީ ހިނގި ކަމެއްކަން އެނގޭނީ ތަހުގީގެއް ކުރުމުން ކަމަށާއި ޖެހީ ކޮންކަހަލަ ވެކްސިނެއްކަންވެސް އެނގޭނީ އޭރުން ކަމަށެވެ.

މުއްދަތުހަމަވެފައިވާ ވެކްސިންގެ ވަޔަލްގެ އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން، ފެބްރުއަރީ 2020 ގައި އުފެއްދި އެ ވެކްސިން މިދިޔަ ޖެނުއަރީ އެކެއްގައި ވަނީ މުއްދަތު ހަމަވެފައެވެ.

މިމައްސަލައާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އެ އަވަށުގެ ގިނަ ބައެއްގެ ފަރާތުން އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގައި އެކި ހިސާބުތަކުގައި ދޭތެރެ ދޭތެރެއިން މިފަދަ ސިއްހީ މައްސަލަތައް ފެންމަތިވެއެވެ. މިއިން ކޮންމެ ފަހަރަކު މައްސަލަ ބަލާ ތަހުގީގު ކުރިނަމަވެސް އަޅާފިޔަވަޅެއްގެ ނަތީޖާ ފެންނަނީ މަދުންކަން ފާހަގަ ކުރެވެއެވެ.