ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑު، އެކަހެރި ރަކަށަށް، އަމިއްލަ އިހުތިޔާރާއި އިޒުނައިން ބޭރުން، ރޯހިންޔާ ރެފިއުޖީން ބަދަލު ކުރުމަށް ބޭނުންވާ އެއްބާރުލުން އިތުރު ކުރުމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ ހައިކޮމިޝަނަރު ފިލީޕޯ ގްރާންޑީ އެއްބަސްވެވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަވާ، ނޫސްވެރިންނާ ވާހަކަދައްކަވަމުން ގްރާންޑީ ވިދާޅުވީ، އެ ރަށުގައި އދގެ "ޕްރެސެންސް" ވަރުގަދަ ކުރުމަށް ވައުދުވެވަޑައިގެންފައި ވާނެ ކަމަށެވެ.
ބަންގްލަދޭޝްއިން އަމާޒު ހިފާފައި ވަނީ، ފަޅު ރަށެއްގެ ގޮތުގައި އޮތް ބަޝާން ޗާރް އޭ ކިއުނު ރަށަށް، 100000 އެއްހާ ރޯހިންޔާ ރެފިއުޖީން ބަދަލު ކުރުމަށެވެ. އެކަން އެގޮތަށް ކުރަން ނިންމީ، ރޯހިންޔާ ރެފިއުޖީން ވަގުތީ ހިޔާވަހިކަން ހޯދަމުން ދާ ކޮކްސް ބާޒާރު ސަރަހައްދުގައި ތޮއްޖެހުން ކުޑަ ކުރުމުގެ ނަމުގައެވެ.
ދުނިޔެގެ އެއްވެސް މަންޒިލަކުން ރަށްވެހިކަން ލިބިފައި ނުވާ 920000 ރޯހިންޏާ މުސްލިމުން މިހާރު ދިރިއުޅެމުން ދަނީ ކޮކްސް ބާޒާރު ސަރަހައްދުގައި ފިތިބާރުވެގެންނެވެ. 2017 ވަނަ އަހަރު މިޔަންމާގައި ހިންގި ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް އެތެރެވި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުން ދަނީ ބައިނަލްއަގުވާމީ އެހީއަށް ބަރޯސާވެގެންނެވެ.
ގްރާންޑީ ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުގެ މަސައްކަތްތަކަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި އދއިން ކުރާ މަސައްކަތްތައް އިތުރުމަށް ބަންގްލަދޭޝްއިން އެދިފައި ވާ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އދއިން މިދިޔަ އަހަރު ވަނީ، ބަޝާން ޗާރް ސަރަހައްދުގައި ރެފިއުޖީންނަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ. މި ވަގުތު އެ ސަރަހައްދުގައި ދިރިއުޅެމުން ދަނީ 20000 އެއްހާ ރެފިއުޖީންނެވެ.
ބަޝާން ޗާރަށް ފޮނުވާލި ބައެއް ރެފިއުޖީން، ބަންގްލަދޭޝްގެ މައި ރަށަށް އަލުން އަނބުރާ އަރަން އުޅުމުގެ ތެރޭގައި ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
881 މިލިއަން ޑޮލަރުގެ ރެސްޕޯންސް ޕްލޭނެއް އޮތް ނަމަވެސް، އެންމެ 13 ޕަސެންޓާއެކު ތަކުލީފު ބޮޑު ވާނެ ކަން ވެސް، ގްރާންޑީ ވަނީ ފާހަގަ ކުރައްވާފައެވެ.
މިޔަންމާގައި ހިންގާފައި ވަނީ ގަތުލުއާންމެއް ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބުނަމުން ދިޔަ ނަމަވެސް، އެ ހާދިސާއަށް 5 އަހަރު ފުރުނުއިރުވެސް ރޯހިންޔާ ރެފިއުޖީންނަށް ދާއިމީ ހިޔާވަހި ކަމެއް ހޯދާދެވިފައެއް ނުވެއެވެ.