ލޫޅާފަތި ކަމާއި ފަތި ހަށިގަނޑަކީ ރީތީގެ އަސްލުކަމަށް ސިފަ ކުރުމުގެ ސަގާފަތެއް އޮތް އަވަށްޓެރި އިންޑިއާގެ ރައްޔިތުން ފަލަވަމުން ދާ ކަމަށް، އެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.
ކަން މިހެން އޮތް އިރު، އާދަޔާ ހިލާފަށް ފަލަވުން ނުވަތަ އޮބީސިޓީއާ ދެކޮޅަށް، ހަނގުރާމަ މަތީ ދުވަސްވަރުގެ ރޫހެއްގައި ކުރިމަތި ނުލައިފިނަމަ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު، ތަޖުރިބާކާރުން ވަނީ ދީފައެވެ.
އޮބީސިޓީއަކީ މީގެ ކުރިން ހުޅަނގުގެ ގައުމުތަކުގައި އާންމުވި ބަލިމަޑުކަމެއް ނަމވެސް، މި ފަހަކަށް އައިސް، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައިވެސް މި ބަލިމަޑުކަން ވަނީ ފެތުރެން ފަށާފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާގައި ހަލުވި ދުވެއްޔެއްގައި އެކަން ފެތުރެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އިންޑިއާ މީހުންނަކީ ހަށިގަނޑު ކަމީނާކޮށް ތިބޭ، އަދި ހަށިގަނޑަށް ބޭނުންވަ މުހިންމު މާއްދާތައް ނުލިބި، "ނިކަމެތިކޮށް" ތިބޭ ކަމަށް ސިފަކުރަމުން ދިޔަ ބައެއް ނަމަވެސް، ފާއިތުވީ އަހަރުތަކުގެ ތެރޭގައި އިންޑިއާއިން ވަނީ އޮބިސިޓީ އެންމެ ބޮޑަށް ފެތުރިފައިވާ 5 ގައުމުގެ ތެރޭގައި ހިމެނިފައެވެ.
2016 ވަނަ އަހަރުގެ އަންދާޒާތަކަށް ބަލާއިރު އިންޑިއާޣެ 135 މިލިއަން މީހުންނަކީ ހުންނަންޖެހޭ ވަރަށް ވުރެ ބަރު ނުވަތަ އޮބީސް މީހުންނެވެ. އެ އަދަދު އިތުރު ވަމުން ދާ ކަމަށާ، ހަށިގަނޑު ނިކަމެތި ކޮށް ތިބި މީހުންގެ ބަދަލުގައި މިހާރު ފެންނަމުން ދަނީ ބަރުހެލިވެފައި ވާ މީހުން ކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އިންޑިއާގެ ސަރުކާރުން ދާދި ފަހުން ކުރިއަށް ގެންދިޔަ ނޭޝަނަލް ފެމިލީ ހެލްތު ސާވޭ (އެންއެފްއެޗްއެސް-5)ގެ ހޯދުންތަކަށް ބަލާއިރު، 23 ޕަސެންޓް ފިރިހެނުންނާއި 24 ޕަސެންޓް އަންހެނުންގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ހުރީ 25 އަށް ވުރެ މަތީގައެވެ. އެއީ 2015-2016ގެ ރެކޯޑްތަކަށް ރިއާޔަކޮށް، 2 ޖިންސަށް ބަލާއިރު 4 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ އިތުރުން އުމުރުން 5 އަހަރުން ދަސުގެ ކުދިންގެ ތެރެއިން 3.4 ޕަސެންޓް ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން އިތުރުވެފައި ވާ ކުދިން ކަމަށާ، 2015-2016 ވަނަ އަހަރުގެ ރެކޯޑްތަކާ އަލާ ބަލާއިރު އެއީވެސް 2.1 ޕަސެންޓްގެ އިތުރުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހަށިގަނޑުގައި ނުރަނގަޅު ސަރުބީ އިތުރުވުމަކީ ގައިންގަޔަށް ނާރާ ނުރައްކާ ބަލިތައް އިތުރުވުމުގެ ސަބަބެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެއެވެ. އެގޮތުން 13 ބާވަތެއްގެ ކެންސަރު ބައްޔާއި، ޓައިޕް-2 ޑައިބީޓީޒް (ހަކުރު ބަލި)، ހިތުގެ ބަލި އަދި ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ރެކޯޑްތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް އޮބީސިޓީގެ ސަބަބުން ދުނިޔެގެ އެކި ކަންކޮޅުތަކުން 2.8 މިލިއަން މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
އޮބީސިޓީ ނުވަތަ އާދަޔާ ހިލާފަށް ފަލަވުމަކީ ސިއްހީ ބައްޔެއް ކަން ސަރުކާރަށް ވިސްނާ ދިނުމަށް ކުރި މަސައްކަތައް އަދި މާ ބޮޑު ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށް، ދިމާވި ހަދިސާއަކާ ގުޅިގެން ހަށިގަނޑަށް ބޮޑު ބަދަލެއް އައި އެކްޓާ ސިދާތު މުކަރުޖީ ވަނީ ބުނެފައެވެ.