ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގެ އިތުރު 5 އަހަރު ދުވަހުގެ ދައުރެއް، އެ މަގާމުގައި މިހާރުވެސް ހުންނެވި ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ކަށަވަރު ކުރައްވައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގެ 2 ވަނަ ދައުރަކަށް ޑރ ޓެޑްރޯޒް އިންތިހާބު ކުރައްވާފައި ވަނީ، މެންބަރު ގައުމުތަކުގެ ވަރުގަދަ އަޣުލަބިއްޔަތަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްރު ވޯޓުގެ ނަތީޖާ އިއުލާން ކުރެއްވީ ޖިބޫޓީގެ އޮފިޝަލް، އަހުމަދު ރުބްލީ ޢަބްދުﷲއެވެ. ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ކަމުގެ މަގާމަށް ވާދަ ކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ ޑރ ޓެޑްރޯޒް ކަމަށް ވީ ނަމަވެސް، ސިއްރު ވޯޓުގެ ނަތީޖާ އިއުލާން ކުރުން ކުރިއަށް ގެންދިޔައީ ރަސްމީ އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުންނެވެ.

ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގެ 2 ވަނަ ދައުރެއް ޑރ ޓެޑްރޯޒް ކަށަވަރު ކުރައްވާފައި ވަނީ 160 ވޯޓުގެ ތެރެއިން 155 ވޯޓުގެ ތާއީދުން ކަމަށް، ޖަރުމަނުވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ކާލް ލޯޓަބެކް ވަނީ ހާމަ ކުރައްވާފައެވެ. އަދި އެއީ އާދަޔާ ހިލާފު ނަތީޖާއެއް ކަމަށްވެސް، ޑރ ޓެޑްރޯޒްއަށް މަރުހަބާ ވިދާޅުވެ، ޖަރުމަނުވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އިތިއޮޕިއާގެ ހެލްތު މިނިސްޓަރުކަން ކުރައްވާފައި ވާ ޑރ ޓެޑްރޯޒްއަކީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، ދުނިޔޭގެ އެންމެ ވަރުގަދަ ސިއްހީ އިދާރާގެ ގޮތުގައި ޑަބްލިއުއެޗްއޯ ހިންގެވި މޭސްތިރިއެވެ.