އިންސާނީ ހައްގުތައް ހަނިކޮށް މިނިވަންކަމަށް ހުރަސް އުޅޭ ގޮތަށް، އަންހެނުންނާ މެދު ތޯލިބާން ޖަމާއަތުން ގެންގުޅޭ ސިޔާސަތުތައް، ވީ އެންމެ އަވަހަކަށް ބަދަލު ކުރުމަށް، އދގެ ސަލާމަތީ މަޖިލީހުން ގޮވާލައިފިއެވެ.

އަންހެނުންގެ ހައްގުތަކާ ގުޅުން ހުރި ކަންކަމުގައި މީގެ ކުރިންވެސް ތޯލިބާނުން އަމަލު ކުރަމުން ދިޔަ ހަރުކަށި އުސޫލުތަކަށް އަނބުރާ ރުޖޫއަ ވެދާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވަމުން ދާ މި ދަނޑިވަޅުގައި، މިފަދަ ކަމަކަށް އދގެ ސަލާމަތީ މަޖިލީހުން ގޮވާލާފައި ވަނީ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާއެކު ފާސް ކުރި ގަރާރަކުންނެވެ.

އޯގަސްޓް 2021ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން ތޯލިބާނުން ދަނީ، އަންހެނުންނަށް ލިބިދީފައި ވާ މިނިވަންކަމުގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަށް އެތައް ސިޔާސަތެއް ބައްޓަން ކޮށް، ތަންފީޒު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެޅި ފިޔަވަޅަކީ، ޓީވީ ސްކްރީނަށް އަރާ އަންހެން ޕްރެޒެންޓަރުންވެސް މޫނު ނިވާ ކުރުމަށް އަމުރު ކުރުމެވެ.

ނޯވޭއިން ޑްރާފްޓްކޮށް 15 މެންބަރުންގެ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، ތައުލީމު ހާސިލު ކުރުމަށާ، ވަޒީފާ އަދާ ކުރުމުގެ އިތުރުން މިނިވަންކަމާއެކު ހަރަކާތްތެރިވުމަށާއި، އާންމު ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަ އުސޫލަކުން ކަންކަމުގައި ބައިވެރިވެ އުޅުމަށް އަންހެނުންނަށް އޮތް ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ތޯލިބާނުން އަޅަމުން ދާ ހުރަސްތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް މިހާރު ތަންފީޒު ކުރަމުންދާ ސިޔާސަތުތައް ބަދަލު ކުރުމަށް ތޯލިބާން ޖަމާއަތަށް ގޮވާލާ ކަމަށްވެސް ކައުންސުލުން ބުނެއެވެ.

އެގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ހުރިހާ މުއައްސަސާއެއް އަލުން ހުޅުވައިގެން ކިޔަވައިދޭން ފެށުމަށް ގޮވާލާފައި ވާ އިރު، ޓީވީ ސްކްރީން ހިމެނޭނެހެން އާންމު ތަންތަނުގައި އަންހެނުން މޫނު ނިވާ ކުރުމަށް ކުރި އަމުރާ މެދު ކަންބޮޑުވާ ކަމަށް އދގެ ސަލާމަތީ މަޖިލީސް ނުވަތަ ސެކިއުރިޓީ ކައުންސުލުން ވަނީ ބުނެފައެވެ.

މިދިޔަ އޯގަސްޓް މަހު، އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާން ޖަމާއަތުން ނެގީ އަންހެނުންގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް ބާރު ލިބުމާއެކުގައިހެން އެ ޖަމާއަތުން ވަނީ، އެ ރޫހާ ހިލާފު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އަންހެން ކުދިންނަށް ހާއްސަ ހާއްސަ ހައި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮންނަތާ 8 މަސްދުވަސް ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އަފްގާނިސްތާނުގެ މަސްރަހާ ގުޅިގެން ސަލާމަތީ މަޖިލީހުން ނެރުނު ގަރާރު ފާސް ކުރުމަށްވެސް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ވާހަކަ އެ ގަރާރުގައި ހިމެނޭއިރު، އެކަންކަމަށް ރިއާޔަތް ކުރުމަށް ޗައިނާއާއި ރަޝިއާއިން ދެކޮޅު ހެދި ކަމަށް ޑިޕްލޮމެޓުންނާ ހަވާލާދީ، އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.