އެމެރިކާގެ ޓެކްސަސްގައި ހުންނަ ރޮބް އެލެމެންޓްރީ ސްކޫލްގައި ބަޑީގެ ހަމަލާތަކެއް ދީ މަރާލި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި 19 ކުޑަ ކުއްޖެއްގެ އިތުރުން ޓީޗަރުވެސް ހިމެނެއެވެ. މީގެ އިތުރުން ބަޑިޖެހި މީހާވެސް މިހާރު މަރުވެފައި ވާ ކަމަށާ، އޭނާ މަރުވީ ފުލުހުންގެ ހަމަލާއެއްގައި ކަމަށް ހަބަރު ލިބެއެވެ.
ކުޑަކުދިންގެ ސްކޫލަކަށް ވަދެ، ބަޑީގެ ހަމަލާތައް ދީ، ގިނަ އަދަދެއްގެ ދަރިވަރުންތަކެއް މަރާލާފައި ވަނީ އުމުރުން 18 އަހަރުގެ ސެލްވާޑޯ ރާމޯސް އޭ ކިއާ މީހެއް ކަމަށް ގަވަރުނަރު ގްރެގް އެބޮޓް ވަނީ ހާމަ ކުރައްވާފައެވެ. އޭނާއަކީވެސް ހަމަލާ ދިން ސަރަހައްދުގެ ހައި ސްކޫލްގައި ކިޔަވަމުން ދިޔަ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ސްކޫލަށް ބަޑީގެ ހަމަލާތައް ދިނުމުގެ ކުރިން 18 ގެ ޒުވާނާ، އޭނާގެ މާމަ މަރާލާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
އެލެމެންޓްރީ ސްކޫލަށް ވަދެ ބަޑީގެ ހަމަލާތައް ދިނުމުގެ ކުރިން، އޭނާ ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓް ކޮށްލާފައި ވާ ކަމަށް ހަބަރު ލިބެއެވެ. އޭނާ ބަޑީގެ ހަމަލާތައް ދިން މަގުސަދެއް ސާފެއް ނުވެއެވެ.
ބަޑީގެ ހަމަލާތައް ދިން ވަގުތު ސްކޫލްގައި ތިބީ ގުރޭޑް 2، 3 އަދި 4 ގައި ކިޔަވަމުން ދިޔަ ދަރިވަރުން ކަމަށް ވުމުން، އެ ކުދިންގެ އުމުރުފުރާއަކީ 7 އަހަރާއި 10 އަހަރު ކަމުގައި ބެލެވެއެވެ. ބަޑީގެ ހަމަލާތަކާ ގުޅިގެން 2 މީހެއްގެ ހާލު ސީރިއަސް ކަމަށް ހަބަރު ލިބޭ އިރު، އޭގެ ތެރޭގައި ހިމެނެނީ 10 އަހަރުގެ ކުއްޖެއްގެ އިތުރުން 66 އަހަރުގެ އަންހެނެކެވެ.
އެމެރިކާގައި ބަޑީގެ ހަމަލާދީ މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލަމުން ދާ އިރު، ބަޑި ގެންގުޅުން މަނާ ކުރުން ނުވަތަ ކޮންޓްރޯލް ކުރުމާ މެދު ކުރަމުން ދާ ސިޔަސީ ބަހުސް އަނެއްކާވެސް މި ވަނީ ހޫނުވެފައެވެ.
މިއަދުގެ ހަމަލާއާ ގުޅިގެން ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒް ވިދާޅުވީ، މިއީ އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށާ، ނަމަވެސް ބަޑި ގެންގުޅުމުގެ ގާނޫނު އިސްލާހް ކުރުމަކީ މިކަމަށް އޮތް ހައްލު ނޫން ކަމަށެވެ. ނޫސްވެރިންނާ މުހާތަބު ކުރައްވާ ސެނެޓާ ކްރޫޒް ވިދާޅުވީ، ގާނޫނަށް އިހުތިރާމް ކޮށްގެން އުޅޭ ރައްޔިތުންގެ ބާރުތައް ހަނި ކުރުމަކީ އެކަން ވާންޖެހޭ ގޮތް ނޫން ކަމަށެވެ. އަދި އެއީ ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫން ކަމަށާ، އެކަމުގެ ސަބަބުން ޖިނާއީ ކުށްތައް މަދުވެގެން ނުދާނެ ކަމަށްވެސް ސެނެޓާ ކްރޫޒް ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތް އިރު އެމެރިކާގެ ކުރީގެ ފޮރިން މިނިސްޓަރު ހިލަރީ ކްލިންޓަން ވަނީ އެމެރިކާގައި ބަޑި ގެންގުޅުމުގެ އުސޫލުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާ ޓްވީޓް ކުރައްވާފައެވެ. އެމެރިކާއިން ދަނީ ގައުމުގެ ދަރިން މަރަމުން ކަމަށްވެސް ހިލަރީގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހިލަރީގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވާހަކަފުޅުވެސް ހުރީ އެފަދަ ރޫހެއްގައެވެ.
ޓެކްސަސްގެ އެލެމެންޓްރީ ސްކޫލްގައި ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވިދާޅުވީ ގައުމު ވާގިނެތިފައި ވާ ކަމަށާ، ނަމަވެސް އެއީ ބިރަކުން ނޫން ކަމަށެވެ. ގައުމު ވާގި ނެތިފައި ވަނީ ސިޔާސީ ޕާޓީއެއްގެ ސަބަބުން ކަމަށް އޮބާމާ ވަނީ ވިދާޅުވެފައެވެ.
އޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ގައުމަށް ވަޑައިގެންނެވި ގޮތަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ބަޑީގެ ހަމަލާތަކާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ބައިޑަންގެ ވާހަކަފުޅުގައިވެސް، ބަޑި ގެންގުޅުމުގެ ކަންކަން ކޮންޓްރޯލް ކުރުމަށް އެންމެން އެކުގައި ތެދުވުމަށް ގޮވާލައްވާފައިވެއެވެ.
2012 ވަނަ އަހަރު ސޭންޑީ ހުކް ބަޑީގެ ހަމަލާތަކުގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައި ވާ ކަން ފާހަގަ ކުރައްވަމުން ބައިޑަން ވަނީ އޭގެ ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި، ސްކޫލް ވެށީގައި އެކަނިވެސް ބަޑިޖެހުމުގެ 900 ހާދިސާއެއް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ.
މިއަދުގެ ބަޑީގެ ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލިފައި ވާ އިރު، ވައިޓްހައުސްގައި ނަގާފައި ހުންނަ އެމެރިކާގެ ގައުމީ ދިދަ، ބައި ދަނޑިއަށް ތިރިކޮށްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ނިމިދިޔަ 2021 ވަނަ އަހަރަކީ ބަޑީގެ ހަމަލާތަކުގެ ނުރައްކާ، އެމެރިކާގައި އެންމެ ބޮޑުވެގެން ދިޔަ އަހަރުކަން ފާހަގަ ކުރަން ޖެހެއެވެ.