ބައިނަލްއަގުވާމީ ބާޒާރުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވާ މި ދަނޑިވަޅުގައި، އަންނަ މަހުން ފަށައިގެން ކުކުޅު އެކްސްޕޯޓް ކުރުން މަޑުޖައްސާލަން ނިންމާފައި ވާ ކަމަށް މެލޭޝިއާއިން ހާމަ ކޮށްފިއެވެ.
މެލޭޝިއާއިން ކުކުޅު އެކްސްޕޯޓް މަޑުޖައްސާލަން ނިންމާފައި ވަނީ އެތެރޭގެ ބާޒާރުތަކުގައި ކުކުޅު ލިބުން ދަތިވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތި ލިބުން ދަތިވަމުން އަންނަ މި ދަނޑިވަޅުގައި އޭޝިއާ ސަރަހައްދުން ކާބޯތަކެތި އެކްސްޕޯޓް ކުރުން މަޑުޖައްސާލި 2 ވަނަ ގައުމަކަށް މެލޭޝިއާ ވަނީ ވެފައެވެ. އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ އެ ފަދަ ފިޔަވަޅެއް އެޅީ އިންޑިއާއިންނެވެ. އެތެރޭގެ ބާޒާރުތަކުގައި އަގު ކޮންޓްރޯލް ކުރުމުގެ ނަމުގައި އިންޑިއާއިން ވަނީ ގޮދަން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.
މެލޭޝިއާގެ މަސްރަހަށް ބަލާއިރު ފާއިތުވީ މަސްތަކުގައި މެލޭގެ ބާޒާރުތަކުގައި ކުކުޅުގެ އަގު އުފުލުނު މަންޒަރު ވަނީ ފެނިގެންގޮސްފައެވެ. ބައެއް ވިޔަފާރިވެރިން ވަނީ އެއް ކަސްޓަމަރަކަށް އެންމެ ގިނަ އަދަދަކަށް ކުކުޅު މަސް ގަނެވޭނެ ލިމިޓްވެސް ކަނޑައަޅާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އިސްމާޢީލް ސޮބްރީ ޔައުޤޫބު ވިދާޅުވީ، މެލޭޝިއާގެ އެތެރޭގެ ބާޒާރުތަކުގައި އަގުތަކާއި އުފެއްދުންތެރިކަން ހަމައަކަށް އެޅެންދެން ކޮންމެ މަހަކުވެސް އެ ގައުމުން އެކްސްޕޯޓް ކުރާ ކުކުޅުން 3.6 މިލިއަން ކުކުޅު އުނި ކުރާނެ ކަމަށެވެ.
މެލޭޝިއާ ސަރުކާރުން އެންމެ ފުރަތަމަވެސް، އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާއިން ކުކުޅު އެކްސްޕޯޓް މަޑުޖައްސާލުމުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ، އިމްޕޯޓް މުދަލަށް އިންތިހާއަށް ބަރޯސާވެފައި ވާ ސިންގަޕޫރަށެވެ. ސިންގަޕޫރަށް ގިނަ ކުކުޅު އެތެރެކުރަނީ ދިރޭ ކުކުޅުގެ ގޮތުގައެވެ. އެ ކަތިލާ، ގަނޑު ކުރަނީ އެ ގައުމުގައެވެ.
ސިންގަޕޫރުގެ ކާބޯތަކެއްޗާ ބެހޭ އިދާރާއިން ގަނޑުކުރި ކުކުޅު ގަތުމަށް އިލްތިމާސްކޮށް، ހާސްކަމުގެ ތެރޭގައި އެއް ފަހަރާ މާ ގިނައިން ނުގަތުމަށްވެސް އިރުޝާދު ދީފައެވެ.
ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނޭދެވޭ އަސަރު ކުރަމުން ދާ އިރު، ކާބޯތަކެތރީގެ އަގުތައް އުފުލި، އެތައް މިލިއަން ބަޔަކު އިންތިހާ ފަގީރު ކަމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބޭ ހާލަތަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ވޯލްޑް ބޭންކުން ވަނީ ހުސްވި މަހުގެ ތެރޭގައި ދީފައެވެ.